ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަށް ކުޑަވެސް ހައްލެއް ނާންނަ ކަމަށާއި، ޑޮލަރުގެ އަގު އަދިވެސް ދަނީ އިންތިހާއަށް މައްޗަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ، އަމިއްލަ ވިޔަފާރިތަކަށް ބޭރު ފައިސާއިން ޓީޓީ ހެދުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކުރުމަށް (އިމްޕޯޓް ކުރުމަށް) ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން އެޅި ފިޔަވަޅުތަކަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ސެޕްޓެމްބަރު މަސް ނިމުނުއިރު ސަރުކާރުން އުއްމީދުކޮށްގެން ތިބީ ޓޫރިޒަމް ދާއިރާއިން 40 ޕަސެންޓް ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުމުން 160 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.
”ސަރުކާރުން އުއްމީދުކުރީ ސެޕްޓެމްބަރ ނިމޭއިރު ސާޅީސް ޕަސެންޓް މާރުކުރަން މަޖްބޫރު ކުރުމާއި އަދި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ އަށް މަޖްބޫރު ކުރުމުން 160 މިލިއަން ޑޮލަރު ލިބޭނެ ކަމަށް،“ ނަޝީދު ވިދާޅުވިއެވެ. ”މީގެން އެއް ކަމެއް ވެސް ނުވި. ދަތިވަމުން ދަނީ ރައްޔިތުންނަށް.“
ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ޑޮލަރުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައްވަމުންނެވެ. ނަމަވެސް، މި ސަރުކާރުގެ މާލީ ސިޔާސަތުތައް ރޭވިފައިވާ ގޮތުންނާއި މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، މިއީ ސަރުކާރަށް ހައްލު ކުރެވޭނެ މައްސަލައެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށްވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.





