އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، މަރާމާތަށްފަހު އަލުން ތާރުއެޅި ސަރަހައްދުގެ ބައެއް އަންނަ އާދިއްތަ ދުވަހު އާންމުކޮށް ދަތުރުފަތުރަށް ހުޅުވާލުމަށް ނިންމައިފިއެވެ.
ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، އާދިއްތަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަލުން ތާރުއެޅި ސެގްމަންޓް އެކެކެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދެވެ. މީގެއިތުރުން، ސެގްމަންޓް ދޭއްގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމަތީގައި ވެސް މިހާރު ވަނީ ތާރު އަޅައި ނިންމާފައެވެ. ނަމަވެސް، އެ ސަރަހައްދު ހުޅުވާލާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަރާމާތުގެ މަސައްކަތަށްޓަކައި، ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އެ މަގު ބަންދުކުރީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގައެވެ. މަގު ބަންދުކުރުމާ ގުޅިގެން އެ ސަރަހައްދުން ދަތުރުކުރާ ބައެއް ބަސް ރޫޓުތަކަށް ވެސް ބަދަލު ގެންނަން ޖެހުނެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި، އޭރުގެ ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ އަމީނީ މަގު ހެދުމުގެ މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫޢުގެ ދަށުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓުގައި ތާރު އަޅައި ނިންމައިލި ނަމަވެސް، ހާބަރު ފުޑްކޯޓު ސަރަހައްދުގައި ”މުލިހި“ ތަކެއްހެން ތާރުގަނޑު އުފުލިގެން ދިޔައެވެ.
މިކަމުގެ ސަބަބުން އެ މަގުން ދަތުރުކުރާ އާންމުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހި، ޝަކުވާ ބޮޑުވެ، ސަރުކާރަށް ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. އެހެންކަމުން، މި މައްސަލަ ހައްލުކުރުމަށްޓަކައި އެ ސަރަހައްދުގެ ތާރުގަނޑު ނަގައި އަލުން އެޅުމުގެ މަސައްކަތް ސަރުކާރުން ފެށީއެވެ.





