މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކުލަވައިލައި، މިދިޔަ މަހުގެ 31 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރެއްވި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފިއެވެ. މިއަދު އަމަލުކުރަން ފެށި މި ގާނޫނާއެކު، މީގެ ކުރިން އަމަލުކުރަމުން އައި އެއްގަމު ދަތުރުފަތުރުގެ ގާނޫނު ވަނީ އުވިގެން ގޮސްފައެވެ.
މި އާ ގާނޫނުގެ ދަށުން މުޅި މާލޭގެ ޓްރެފިކް އެއްކޮށް މޮނިޓާ ކުރެވޭނެ ޒަމާނީ ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ގާއިމުކުރަން ޖެހެއެވެ. އަދި މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށާއި، މަގުތައް ތޮއްޖެހުން ކުޑަކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި ހިންގާނީ މިނިސްޓްރީގެ ދަށުން އަލަށް އުފައްދާ ”ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް“ އިންނެވެ. މި އޮފީސް ހިންގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ. މީގެ އިތުރުން މާލޭ ސަރަހައްދުގައި ގާނޫނު ތަންފީޒުކުރުމުގެ ހާއްސަ އުސޫލުތައް ނިންމާނީ ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލްގެ ލަފާގެ މަތިންނެވެ.
މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގައި އުޅަނދު ރަޖިސްޓަރީކުރެވޭނެ އެންމެ މަތީ އަދަދު ކަނޑައެޅުން މީގެ ކުރިން ކައުންސިލްތަކަށް އޮތް ނަމަވެސް، އާ ގާނޫނުގެ ދަށުން އެ ބާރު ދެން އޮންނާނީ މިނިސްޓްރީ އަށެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި އުޅަނދު ރަޖިސްޓްރީކުރެވޭނެ އެންމެ މަތީ އަދަދު ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުން ދިރާސާކޮށް، ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭނެއެވެ.
މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ކަންކަން ރާވައި ހިންގުމަށްޓަކައި ”ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑް“ ގެ ނަމުގައި ފަންޑެއް އުފެއްދުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ގާނޫނުގެ ދަށުން، މާލޭ ސިޓީ ކައުންސިލަށް ކުރިން ލިބެމުންދިޔަ ވެހިކަލްތަކުގެ އަހަރީ ފީ އުނިކޮށް، އެ ފައިސާ ދެން ޖަމާކުރާނީ މި ފަންޑަށެވެ. މީގެ އިތުރުން ރަޖިސްޓަރީ އަދި ލައިސަންސް ފީ، މަލްޓިޕަލް އޯނަޝިޕް ފީ، އަދި ގަވާއިދާ ހިލާފުވެގެން ކުރެވޭ ޖޫރިމަނާ ފައިސާ އާއި ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާ ވެސް މި ފަންޑަށް ޖަމާވާނެއެވެ.
ގާނޫނާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަބުތަކާއި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވައިފިނަމަ 25،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި މީހަކަށް އަނިޔާއެއް ވެއްޖެނަމަ 100،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން ޖިނާއީ ދައުވާ ވެސް އުފުލޭނެއެވެ. ކުޑަކުދިންނަށާއި ލައިސަންސް ނެތް ފަރާތްތަކަށް، ނުވަތަ ފަސިންޖަރުންގެ ގޮނޑީގައި ތިބޭ ފަރާތްތަކަށް އުޅަނދުގެ ކޮންޓްރޯލް ހަވާލުކުރުމަކީ ވެސް ބޮޑެތި ޖޫރިމަނާތަކާއި ލައިސަންސް ބާތިލުކުރެވޭނެ ކުށްތަކެވެ.
ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ކުރެވޭ ޖޫރިމަނާ 5،000 ރުފިޔާއަށް ވުރެ އިތުރުވެއްޖެނަމަ، ފުލުހުންނަށް އުޅަނދުގައި ބޫޓު އެޅުވުމުގެ (ވީލް ލޮކް އެޅުވުމުގެ) ބާރު ލިބެއެވެ. އަދި 72 ގަޑިއިރު ތެރޭ ފައިސާ ނުދައްކައިފިނަމަ ޓޯ ކުރެވޭނެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތަކާ އެއް މަސް ދުވަހުގެ ތެރޭގައި ވެރިފަރާތުން ހަވާލުނުވެއްޖެނަމަ، ގެޒެޓްކުރުމަށްފަހު އިތުރު 30 ދުވަސް ދީ، އެ މުއްދަތުގައިވެސް ހަވާލުނުވެއްޖެނަމަ ނީލަމުގައި ވިއްކާލުމުގެ ނުވަތަ ނައްތާލުމުގެ އިހުތިޔާރު ފުލުހުންނަށް އޮންނާނެއެވެ.
މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރުގެ އުމުރު ކަނޑައެޅުމަށް ގާނޫނުގައި ހިމަނާފައިވީ ނަމަވެސް، އެ ބަޔަށް އަމަލުކުރަން ފަށާނީ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން އަހަރު ފަހުންނެވެ. އަދި މުސްކުޅި ކުރާ އުޅަނދުތައް އެއްލާނުލައި، އެއިރެއްގައި ހަމަޖެހޭ އަގެއް އުޅަނދުގެ ވެރިފަރާތަށް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.





