ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން މަގުމަތީގައާއި އާންމު ތަންތަނުގައި އުޅޭ މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ދީފިއެވެ.
ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން މަގުމަތީގައި އަދި އާންމު ތަންތަނުގައި އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ އަމަލުތަކަކީ މުޖުތަމައުގެ އާންމު ސުލޫކީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު، އަދި އަމާންކަމާއި ސުލްހަމަސަލަސްކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަންކަން ކަމަށް ވާތީ، ގާނޫނު ނަންބަރު 11/2010 (އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން މިފަދަ ކަންކަން ކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން، ބިދޭސީންގެ ބެލެނިވެރި ފަރާތްތަކުންނާއި އެމީހުންނާ ހަވާލުވެތިބޭ ފަރާތްތަކުން، އެފަދަ ނިވާކަން ކުޑަ އަމަލުތައް ނުފެންނާނެހެން އަމަލުތައް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު، ފަތުރުވެރިންނަށް ހާއްސަކޮށް ކަނޑައަޅާފައިވާ ސަރަހައްދުތައް ފިޔަވައި އެހެން އާންމު ތަންތަނުގައި އުޅޭއިރު ރާއްޖޭގެ ސަގާފަތަށް އިހުތިރާމުކޮށް، އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް ހެދުން އެޅުމަށް ފަތުރުވެރިންނަށް ހަނދާންކޮށްދިނުމަށް ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކަށް ފުލުހުން ވަނީ ގޮވާލާފައެވެ. އަދި މި މިންގަނޑުތަކާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.





