ހުޅުމާލޭގެ ދުވާރުތަކުގެ މަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިވާނެހެން ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިއަދު ފަށައިފިއެވެ.
ފުލުހުން މިއަދު މީސްމީޑިއާގެ މަންސަ ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވަނީ، ހުޅުމާލޭގެ ދުވާރުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާ މީހުންނަށް ދަތިވާގޮތަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރަމުންދާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުކޮށްފައެވެ.
ފުލުހުން ވިދާޅުވީ، ދުވާރުތަކުގައި އެގޮތަށް އުޅަނދު ޕާކުކުރުމަކީ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ މައިގަނޑު އެއް ސަބަބު ކަމަށެވެ. އެހެންކަމުން، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނާއި މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި، ހިނގާ މީހުންނަށް ޚާއްސަކޮށްފައިވާ އެފަދަ ސަރަހައްދުތަކުގައި އެއްވެސް އުޅަނދެއް ޕާކުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ފުލުހުން އިއްޔެ ވިދާޅުވެފައިވަނީ، ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްސަކޮށްފައިވާ ދުވާރުތަކުގައާއި، އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް އުޅަނދު ޕާކުކުރުން މިފަހަކަށް އައިސް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ދުވާރުތަކުގައި ގަވާއިދާ ޚިލާފަށް އުޅަނދުފަހަރު ޕާކުކުރާނަމަ، އެ އުޅަނދުތަކުގެ ވެރިފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދެއްވާފައެވެ.
ހުޅުމާލޭގެ އިތުރުން މާލޭގެ ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ ޚާއްސަ މަސައްކަތްތަކެއް ވެސް ފުލުހުން ވަނީ ފަށާފައެވެ. އެ މަސައްކަތުގެ ތެރެއިން މިހާތަނަށް ނުވަ އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މަގުމަތީގައި ގަވައިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ފުލުހުން ޓޯކުރަމުންދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ހިނގާ މީހުންނަށް ދަތިވާގޮތަށް ދުވާރުމައްޗާއި ކަފިހިހުރަސްތަކުގައި ޕާކުކުރުމާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކަނޑައަޅާފައިވާ ތަންތަނުގައި ޕާކުކުރުމުގެ އިތުރުން، މަގުތަކުގެ ކަންމައްޗާއި ދަތުރުފަތުރަށް ހުރަސްއެޅޭގޮތަށް ބެހެއްޓުން ހިމެނެއެވެ.
މީގެއިތުރުން ޕާކުކުރުން މަނާ ސަރަހައްދުތަކާއި، ސްކޫލް އަދި ހޮސްޕިޓަލްތަކުގެ ގޭޓު ކުރިމަތީގައި ޕާކުކުރާ އުޅަނދުތަކާއި، މަގުމައްޗަށް ގިނަ ދުވަސްވެ ވީރާނާވާން ދޫކޮށްލާފައިވާ އުޅަނދުތައް ވެސް ފުލުހުން އަންނަނީ ނަގައި ޓޯކުރަމުންނެވެ.





