ދުބާއީން ފުރައިގެން އިޒްރޭލަށް މިދިޔަ ބުދަ ދުވަހު ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކޮށް، ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި އެ އެއާލައިންގައި މަސައްކަތްކުރާ ދެ ދިވެހީން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރޭ ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރުކުރި ދެ ދިވެހިންނަކީ ފްލައިދުބާއީއާ ވަރަށް ފަހުން ގުޅުނު ދެ މުވައްޒަފުންނެވެ. އަދި އެ ދެ މީހުންނަކީ މި ހާދިސާގައި މައިގަނޑު ތުހުމަތުކުރެވޭ ކޯ ޕައިލެޓް ހައްމާމް އަލް ހަމާނީއާ އެއް އިމާރާތެއްގައި، ޕައިލެޓުންނަށް ޚާއްސަ ރެސިޑެންޝަލް އިމާރާތެއްގައި ދިރިއުޅެމުންދިޔަ ދެ މީހުންނެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހު 174 ފަސިންޖަރުންނާއި 8 ކްރޫންނާއެކު ދުބާއީން ފުރައިގެން އިޒްރޭލުގެ ޓެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ބޯއިން 737 މެކްސް 8 މަރުކާގެ ބޯޓެއްގައެވެ. ދަތުރުމަތީގައި ބޯޓުގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ކޯ ޕައިލެޓް ވަޅިން ހަމަލާދީ، ބޯޓު ވައްޓާލަން ވަނީ މަސައްކަތްކޮށްފައެވެ. ބޯޓު ވެއްޓުނަނުދީ ސަލާމަތްވީ ޒަހަމްވެފައިވާ ކެޕްޓަން ކޮކްޕިޓްގެ ދޮރު ހުޅުވުމުން، ފަސިންޖަރުން ވަދެ ކޯ ޕައިލެޓް ހިފަހައްޓައި ބޯޓުގެ ކޮންޓްރޯލް ނެގުމުންނެވެ.
ފްލައިޓް ޓްރެކިން ޑޭޓާތަކުން ދައްކާ ގޮތުގައި، ބޯޓުން ފުރަތަމަ 7700 ގެ އިމަޖެންސީ ކޯޑު ފޮނުވުމަށްފަހު، އޭގެ ހަތް މިނެޓު ފަހުން ވަނީ ހައިޖެކްކުރުން ނުވަތަ ގަވާއިދާ ޚިލާފު އަމަލެއް ހިނގާކަން އަންގައިދޭ 7500 ގެ ކޯޑު ފޮނުވާފައެވެ. އަދި ގާތްގަނޑަކަށް 29 ސިކުންތުގެ ތެރޭގައި ބޯޓު ވަނީ 14،000 ފޫޓަށް ތިރިކޮށްފައެވެ. މި މައްސަލައާ ގުޅިގެން ޔޫއޭއީން ބުނެފައިވަނީ މިއީ ބޯޓު ވައްޓާލަން ކޯޕައިލެޓް ދިން ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ދެ ދިވެހިން ހިފެހެއްޓި ނަމަވެސް، ފްލައިޓް ވައްޓާލަން އުޅުނު މައްސަލައާ އެ މީހުންނާ އޮތް ގުޅުމެއް އަދި ޔަގީންނުވާ ކަމަށާއި، އެ މީހުންނަކީ އެއްވެސް ކުށެއް ކުރިކަމަށް ބެލެވޭ ނުވަތަ ކޮން ތުހުމަތެއްގައި ހައްޔަރުކުރި ބައެއްކަން އަދި ސާފުނުވާކަމަށް ސަރުކާރުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. އަދި އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އެ ދެ މީހުން ރަސްމީކޮށް ހައްޔަރުކުރުމުގެ ބަދަލުގައި، އެ މީހުން ދިރިއުޅޭ އިމާރާތުގައި ތިބި އެހެން މީހުންނާ އެކު އެ އިމާރާތުގެ ތެރޭގައި ބަންދުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، އެ ދެ ދިވެހިންނަށް ދިވެހި ސަރުކާރުގެ ފަރާތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ދިނުމަށްޓަކައި ޔޫއޭއީގެ ސަރުކާރާ ގުޅިގެން މޯލްޑިވްސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.





