ރަސްމާލޭގައި ބިޔަ މަޝްރޫއެއް ހިންގަން ސަރުކާރުން ހަވާލުކުރި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ކުންފުނި، އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އައްލަބާރު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އައްލަބާރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިވެހި ސަރުކާރާއެކު ސޮއިކުރެވުނު ފަހުމުނާމާއާ ގުޅިގެން، ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ އެކު އިތުރަށް ކުރަންޖެހޭ މަޝްވަރާތައް ކުރުމަށާއި މަޝްރޫއު ފެށުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އީގަލް ހިލްސް އިން ރަސްމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ”މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ“ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ. ސަރުކާރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި، މި މަޝްރޫއުގެ ފުރަތަމަ އަހަރު 12 ބިލިއަން ޑޮލަރު، އަދި އޭގެ ފަހުން ކޮންމެ އަހަރަކު 2 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް ވަންނާނެއެވެ. މީގެ އިތުރުން، ދައުލަތަށް ސީދާ އާމްދަނީގެ ގޮތުގައި 11 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިގެންދާނެ ކަމަށާއި، މި މަޝްރޫއުގެ ސަބަބުން 54،000 އަށް ވުރެ ގިނަ އައު ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ވެސް ސަރުކާރުން ހާމަކުރެއެވެ.
ނަމަވެސް، މި މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން މި އެއްބަސްވުމުގައި ދެފުށް ނުފެންނަ އަދި ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އަންނަނީ މި އެއްބަސްވުން ވަގުތުން އުވައިލުމަށް ސަރުކާރަށް ގޮވާލައި ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.





