ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ޢުމްރާއަށް ޚާއްޞަކޮށްގެން އައްޑޫ ސިޓީ ގަމުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މިއީ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން މާލެ އަންނަން ނުޖެހި، ދަތުރުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން އިންތިޒާމުކުރާ ޚާއްޞަ ދަތުރެކެވެ.
އެ ކޯޕަރޭޝަނުން ބުނީ ރަމަޟާން މަހުގެ ފަހު 15 އަށް ޚާއްޞަކޮށްގެން ބާއްވާ މި ފްލައިޓުގެ ދަތުރު އޮންނާނީ އަންނަ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުން ސީދާ ޖިއްދާއަށް ކަމަށެވެ. އަދި ރަމަޟާން މަހުގެ ފަހު ފަނަރަ ޢުމްރާ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާއެވެ. މީގެ އިތުރުން މުޅި ރަމަޟާން މަހު ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އެ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާއެވެ.
މި ދަތުރުތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ކަށަވަރުކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ޢުމްރާގެ ޖާގަ ކަށަވަރުކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް ”ފަހެލި“ މެދުވެރިކޮށްގެންނާއި، އެ ކޯޕަރޭޝަންގެ ރަސްމީ ވެބްސައިޓް (hajj.mv) މެދުވެރިކޮށެވެ.
ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި މި ދަތުރުތަކުގައި ޢުމްރާވެރިންނަށް ގިނަގުނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ކްލިނިކްގެ ޚިދުމަތް
- ފާމަސީގެ ޚިދުމަތާއި ހިލޭ ވެކްސިން ޖަހައިދިނުން
- މަދީނާއަށް ދަތުރުކުރުމަށް ހައިސްޕީޑް ރޭލުގެ ޚިދުމަތް އަދި މަދީނާގައި 3 ރޭ ހޭދަކުރުން
- މީރު ދިވެހި ކެއުމާއި، ލޯންޑްރީ އަދި އިސްތިރިކުރުމުގެ ޚިދުމަތް
- ދީނީ ޢިލްމުވެރިންގެ ދަރުސްތަކާއި އަޅުކަމުގެ އިރުޝާދު ދިނުން
- ޢުމްރާ ކިޓާއި، ބަގީގެ ޚިދުމަތް އަދި ލޮކޭޝަން ޓްރެކިން ޑިވައިސް ފޯރުކޮށްދިނުން
ޙައްޖު ކޯޕަރޭޝަނުން އިތުރަށް ބުނީ، މިއީ ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ވައިޑް-ބޮޑީ އެއަރކްރާފްޓްގެ އޮޕަރޭޝަންތައް ފެށުމާ ގުޅިގެން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިޔަށް އޮތް ތަނުގައި ކޮންމެ އަހަރެއްގެ ޖުލައި މަހާއި، ޑިސެމްބަރު މަހުގެ އިތުރުން ރަމަޟާން މަހު ވެސް އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ ޢުމްރާ ދަތުރުތައް ދެމެހެއްޓެނިވި އުޞޫލަކުން ކުރިއަށް ގެންދިއުމެވެ.
މި ނިންމުމަކީ ދެކުނުގެ ރައްޔިތުން މާލެ އައުމަށް ކުރަންޖެހޭ ޚަރަދާއި އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށް، ލުއިފަސޭހަކަމާއެކު އަޅުކަން އަދާކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.





