ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކަކާ ގުޅިގެން، ފުލުހުން ހިންގި ދެ ވަކި އޮޕަރޭޝަނެއްގައި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި މީހުންގެ ތެރެއިން ތިން މީހަކު ޑީޕޯޓުކުރުމަށް ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ތިން ފިރިހެނުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ ސެނިތް ހެޝަން ވިކްރަމަސިންހައާއި، 39 އަހަރުގެ ދުލިތު މަޑުސާކާ އަދި 24 އަހަރުގެ ޖިނިތަ މަދުރަންގާ ސެނަވިރަތިންއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ތިން މީހުންވެސް ޑީޕޯޓުކުރުމަށް މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ހެންވޭރުގައި ހުންނަ ގެއަކާއި ސައިކަލެއް ބަލައިފާސްކުރިއިރު 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުންގެ ރިކޯޑުތަކުން ދައްކައެވެ.
މި 3 މީހުންގެ އިތުރުން، ބަނގުރާ ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިންވެސް ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ އެމްޑީ ޖަހަންގިރު ހޮސައިނެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި މި އޮގަސްޓު މަހުގެ 29 ވަނަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ، ރީތިގަސްމަގުން އޭނާ ސައިކަލެއްގައި ދަނިކޮށް އޭނާއާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 9 ފުޅި (500އެމްއެލް) ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި ދެ މައްސަލަވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





