ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައުން އެކުގައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ.
ރައީސް މިގޮތަށް ގޮވައިލެއްވީ ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި ”އެސްސީއޯ ޕްލަސް“ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ހާލަތުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.
އެގޮތުން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ތިބީ ސާބިތުކަން މަތީގައިކަން ހާމަކުރައްވައިފައެވެ. އަދި ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައުން ވެސް އެކުގައި މަސައްކަތްކުރެއްވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.
މީގެއިތުރުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ޗައިނާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.
ރާއްޖެއަކީ ވިލުންތެރި، އަޒުމުވަރުގަދަ ގައުމެއްގެ ގޮތުގައި ސިފަކުރައްވައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ މޫސުމީ ލަނޑުދަނޑިތަކާއި، މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަސައްކަތާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ. އަދި ގްލޯބަލް ގަވަރނަންސް އިނީޝިއެޓިވަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކުރެއްވިއެވެ. އެކަން ހާމަކުރައްވައި އެމަނިކުފާނު ވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުހަލާގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ހިމެނުމަށް ގޮވައިލައްވައިފައެވެ.





