ރޭ ކުޅުނު ފީފާ ވޯލްޑްކަޕް ކޮލިފައިންގެ މެޗެއްގައި ޔުކްރޭން އަތުން ފްރާންސް 2-0 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ. ޔުކްރޭންގައި ކުޅުނު މި މެޗުން މޮޅުވެ، ފްރާންސް ވަނީ ވޯލްޑްކަޕަށް ދިއުމަށް ކުރާ މަސައްކަތުގައި މުހިންމު ފިޔަވަޅެއް ކުރިއަށް ޖައްސާލާފަ އެވެ.
މި މެޗުގައި ފްރާންސްއިން ވަނީ ކުޅުމުގެ ބޮޑުބައި ކޮންޓްރޯލްކޮށް، ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފަ އެވެ. އަދި އެ ޓީމުން ވަނީ ޔުކްރޭންގެ ގޯލަށް ޖުމްލަ 16 ހަމަލައެއް ފޮނުވާލާފަ އެވެ. މި ހަމަލާތަކުގެ ތެރެއިން ދެ ހަމަލާއަކުން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.
މެޗުގެ ދިހަވަނަ މިނިޓުގައި ފްރާންސް އިން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މައިކަލް އޮލިސޭ އެވެ. އޮލިސޭގެ މި ލަނޑާއެކު ފްރާންސްގެ ކުޅުންތެރިންނަށް ލިބުނީ އިތުރު ހިތްވަރެކެވެ.
ފްރާންސް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޗޫމޭނީގެ މޮޅު އެސިސްޓަކުން ތަރި ފޯވަޑް ކިލިއަން އެމްބާޕޭ އެވެ. އެމްބާޕޭގެ މި ލަނޑާއެކު ފްރާންސްގެ މޮޅު ކަށަވަރުވިއެވެ.
ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ޑީ ގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ޔޫރަޕްގެ ކޮލިފައިންގައި ހިމެނޭ ގްރޫޕް ތަކުގެ ތެރެއިން ފަސް ޓީމު ހިމެނޭ ގްރޫޕްތަކުގެ މެޗުތައް ވަނީ މީގެ ކުރިން ފަށާފަ އެވެ. ފްރާންސްގެ މި މޮޅަކީ ވޯލްޑްކަޕްގެ ޖާގައަކަށް ކުރާ މަސައްކަތުގައި ލިބުނު މުހިންމު ކާމިޔާބެކެވެ.





