ދަތުގެ ސިއްހަތު ރަނގަޅުކޮށް، ރީތި ހިނިތުންވުމެއްގެ ވެރިއަކަށް ވުމަކީ ކޮންމެ މީހެއްގެވެސް އެދުމެކެވެ. ނަމަވެސް މިކަން ގިނަ ބަޔަކަށް ވަނީ ގޮންޖެހުމަކަށެވެ. ވަރަށް ބަލައިގެން އުޅުނަސް، ބޮޑެތި މީހުންނާއި ކުޑަކުދިންގެ ދަތްތައް ފަނިކެއުމަކީ އާންމުކޮށް ދިމާވާ މައްސަލައެކެވެ. މިކަމުން ރައްކާތެރިވެ، ދަތުގެ ސިއްހަތު ދެމެހެއްޓުމަށް ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަން ތަޖުރިބާކާރުން ވަނީ ހާމަކުރައްވާފައެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކެއުމަށްފަހު ދަތްތަކުގެ ތެރޭގައި ތާށިވެފައި ހުންނަ ކާ އެއްޗެތި ނުވަތަ ކާނާގެ ބައިތަކަކީ ދަތުގައި ފޮރި ޖެހުމާއި ދަތް ފަނިކެއުން، އަދި ހިރުގަނޑު ގިރުމުގެ މައްސަލަ ދިމާވާ މައިގަނޑު ސަބަބެވެ. ޚާއްސަކޮށް ހަކުރު ގިނައިން އެކުލެވޭ ކާ އެއްޗިއްސާއި ބޯ އެއްޗެތި އަބަދު ބޭނުން ކުރުމާއި، އަބަދާ އަބަދު ސްނެކްސް ކެއުމަށް އާދަވުމަކީ ދަތް ފަނިކެއުމުގެ ނުރައްކާ އިތުރުކުރާ ކަމެއް ކަމަށްވެސް އެބޭފުޅުން ފާހަގަކުރައްވައެވެ.
ދަތްތައް ރަނގަޅަށް ބެލެހެއްޓުމަށް އަދި ފަނިކެއުމުން ރައްކާތެރިވުމަށް ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ.
ދޫ ސާފުކުރުން:
ދަތް އުނގުޅުމަކުން ހަމައެކަނި ނުފުދެއެވެ. އަނގަ ތެރޭގައި ހުންނަ ޖަރާސީމުތައް ނައްތާލެވޭނީ ދޫވެސް ރަނގަޅަށް ސާފުކޮށްގެންނެވެ. ދޫ ސާފުކުރުމަށް ޚާއްސަ ކުރުވާލެއް ނުވަތަ ދަތް އުނގުޅާ ބްރަޝްގެ ފަހަތުގައި ހުންނަ ދޫ ސާފުކުރާ ބައި ބޭނުންކުރެވިދާނެއެވެ. މިއީ އަނގައިން ނުބައިވަސް ދުވުން ހުއްޓުވައި، އަނގައިގެ ސިއްހަތު ރަނގަޅުކޮށްދޭނެ ކަމެކެވެ.
ދަތް އުނގުޅާނެ ރަނގަޅު ގޮތް:
ދަތް އުނގުޅާއިރު ގަދަޔަށް އުނގުޅުމުގެ ބަދަލުގައި، މަޑުމަޑުން ފަރުވާތެރިކަމާއެކު ދަތް އުނގުޅާށެވެ. ގަދަޔަށް އުނގުޅުމުން ދަތްތަކާއި ހިރުގަނޑަށް ގެއްލުންވެދާނެއެވެ. މީގެ އިތުރުން ކޮންމެ ކެއުމަކަށްފަހު ހުސް ފެންފޮދަކުން އަނގަ ތެރެ ދޮވުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.
ސްނެކްސް މަދުކުރުން:
އެކި ވައްތަރުގެ ސްނެކްސްތައް ކެއުމާއި ފިނި ބުއިންތައް ބޭނުންކުރާ މިންވަރު މަދުކޮށްލާށެވެ. މިފަދަ އެއްޗެތީގައި ހަކުރު ގިނައިން ހުންނާތީ، މިއީ ދަތް ފަނިކެއުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ސިއްހަތަށް ފައިދާހުރި ކާނާއަށް އިސްކަންދިނުމަކީ ދަތުގެ ސިއްހަތަށްވެސް ރަނގަޅު ކަމެކެވެ.
ދަތްތައް ފްލޮސްކުރުން:
ރޭގަނޑު ނިދުމުގެ ކުރިން ދަތްތައް ރީއްޗަށް އުނގުޅުމުގެ އިތުރުން ފްލޮސް ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ދުވާލު އެކި ގަޑިތަކުގައި ކެއުމަށް ބޭނުންކުރި ކާނާގެ ކުދިކުދި އެތިކޮޅު ދަތްތަކުގެ ދޭތެރެއާއި އަނގައިގެ އެތަން މިތަނުގައި ތަތްލާފައި ހުރެދާނެއެވެ. ރޭގަނޑު ނިދުމުގެ ކުރިން ދަތްތައް އުނގުޅާ ފްލޮސް ކުރުމުން، ދަތުގައި ކޮބަޑި ޖެހުމާއި، ހިރުގަނޑު ގިރި، ދަތް ހަލާކުވުން ފަދަ ކަންކަން މެދުވެރިވާލެއް ކުޑަވާނެއެވެ.
މިކަންކަމަށް ސަމާލުކަން ދީގެން ދަތްތަކުގެ ސިއްހަތު ރަނގަޅު ހާލަތެއްގައި ބެހެއްޓިދާނެއެވެ. އަދި ދަތުގެ ސިއްހަތަށް އަންނަ ބަދަލުތަކަށް ސަމާލުވެ، ދަތުގެ ޑޮކްޓަރަށް ދެއްކުންވެސް މުހިންމެވެ.





