ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަންގެ ޕްރޮޑަކްޝަން ހައުސް، ދޭވްގަން ފިލްމްސް އިން ޕްރޮޑިއުސްކުރާ ފިލްމަކަށް ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެދީ ތައްޔާރުވާން ފަށައިފި އެވެ. މި ޕްރޮޖެކްޓާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް ހިއްސާކޮށްފައި ނުވި ނަމަވެސް، ސިދާންތު ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި މިކަމުގެ އިޝާރާތްދީ، ފިލްމަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑު ފިޓްކުރަން ކުރަމުންދާ މަސައްކަތުގެ ފޮޓޯތަކެއް އާންމުކޮށްފަ އެވެ.
އަރަމުން އަންނަ ޒުވާން އެކްޓަރު ސިދާންތު، އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ފޮޓޯތަކުގެ ތެރޭގައި ދޭވްގަން ފިލްމްގެ ލޯގޯ ޖެހި ކޮފީ މަގަކާއި، ރޯލަށް ތައްޔާރުވާން ހަށިގަނޑު ފިޓްކުރަން ކުރަމުން އަންނަ މަސައްކަތުގެ މަންޒަރުތައް ހިމެނެ އެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ދޭވްގަން ފިލްމްސް އަށް ސިދާންތު ސޮއިކުރި ފިލްމަކީ ކްރީޗާ ތުރިލާއެކެވެ.
މި ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފެށުމަށްޓަކައި ފިލްމުގެ ޓީމުން އަންނަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ. ނަމަވެސް މި ކްރީޗާ ތުރިލާގެ ޑައިރެކްޓަރަކީ ކާކުކަމާއި، ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައިކަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
ސިދާންތު، 32، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ ކުރީކޮޅު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން ލޯބީގެ ފިލްމު ”ދަޅަކް 2“ އެވެ. ދެހާސް ނަވާރައިގެ ”ގަލީ ބޯއި“ އިން ވިދި އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ވިކާސް ބާލްގެ ރޮމޭންޓިކް ކޮމެޑީ ”ދިލް ކާ ދަރުވާޒާ ކޯލް ނާ، ޑާލިން“ ހިމެނެ އެވެ. މި ފިލްމުގެ ކާސްޓްގައި ވަމީގާ ގައްބީ އާއި ޖަޔާ ބައްޗަން ވެސް ހިމެނޭ އިރު، ފިލްމުގެ ޝޫޓިން ނިންމައި މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގަ އެވެ. ސިނަމާތަކަށް ފިލްމު ގެންނާނެ އިރެއް އަދި މިހާތަނަށް އިއުލާނެއް ނުކުރެ އެވެ.





