އެމެރިކާގެ މަޝްހޫރު މިއުޒިކީ ފަންނާނު އޭކަންގެ ގާތުން ވަރިވާން އޭނާގެ އަނބިކަނބަލުން ޓޮމޭކާ ތިއާމް ކޯޓަށް ހުށަހަޅައިފި އެވެ. ކައިވެންޏަށް 29 އަހަރުވުމުގެ މަގުމަތީގައި އުޅެނިކޮށް މި މަހުގެ 11 ވަނަ ދުވަހު މި މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ވަރިވާން އެދި ހުށަހެޅި މައްސަލައިގައި ޓޮމޭކާ ވަނީ އޭކަންގެ ފަރާތުން މާލީ އެހީތެރިކަން ލިބިގަތުމަށް އެދިފަ އެވެ. މީގެ އިތުރުން، އެ ދެމީހުންގެ 17 އަހަރުގެ އަންހެން ދަރިފުޅުގެ ބެލެނިވެރިކަމުގެ ޒިންމާ ދެ މީހުން އެއްވަރަކަށް ނަގަން ޖެހޭ ގޮތަށް ވެސް ވަރީގެ މައްސަލަ ނިންމައި ދިނުމަށް ޓޮމޭކާ އެދިފައިވެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭކަންގެ ގާތުން ވަރިވާން ޓޮމޭކާ ނިންމީ މި ފަހުން އެ ދެމީހުންގެ މެދުގައި ބޮޑެތި ކުނިތަކެއް ޖެހި، އެކީގައި އުޅެވޭ ވަރަށް ވުރެ ދެ މީހުންގެ ގުޅުން ހީނަރުވެފައިވާތީ އެވެ.
އޭކަން އާއި ޓޮމޭކާ ކައިވެނިކުރީ 1996 ވަނަ އަހަރު އެވެ. ވަރިވާން ކޯޓަށް ހުށަހެޅި އިރު އެ ދެމީހުންގެ ކައިވެންޏަށް 29 އަހަރުވާން އޮތީ ހަތަރު ދުވަހެވެ.
ކައިވެނި ރޫޅައިލަން އަންހެނުން ނިންމި އިރު، އުމުރުން 52 އަހަރުގެ އޭކަންއަށް އެހެން ގުޅުންތަކެއްގެ ތެރެއިން ވެސް ކުދިން ލިބިފައިވެ އެވެ. އެގޮތުން އޭނާއަށް ތިން ބަނޑަކަށް 9 ކުދިން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވަރަށް ކާމިޔާބު މިއުޒިޝަނެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އޭކަންގެ އެންމެ ފަހުގެ އަލްބަމަކީ 2019 ވަނަ އަހަރު ނެރުނު ”އަކަންޑާ“ އެވެ.





