ހަށިގަނޑުގެ ބަރުދަން ކުޑަކޮށް، ސިއްޙަތު ރަނގަޅު ހާލަތެއްގައި ބެހެއްޓުމަކީ މިހާރު ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑަށް ވިސްނާ އަދި މަސައްކަތްކުރާ ކަމެކެވެ. ބަރުދަން ކުޑަކުރުމަށްޓަކައި ތަފާތު ގޮތްގޮތަށް މަސައްކަތްކުރާ މީހުން ގިނަ ނަމަވެސް، ބައެއްފަހަރު ރަނގަޅު ގޮތަކީ ކޮބައިކަން ނޭނގި، ހެދޭ ގޯސްތަކުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރިމަތިވެއެވެ. ނަމަވެސް، ކޮންމެ މީހެއްގެވެސް އެންމެ ބޮޑު އަމާޒަކަށް ވާނީ ހަށިގަނޑު ރީތިކޮށް، އެއްވަރެއްގައި ބެހެއްޓުމެވެ. އެހެންނަމަވެސް، ބައެއްފަހަރު ކަންނެތްކަމުގެ ސަބަބުން ނިދާ ގަޑި ކައިރިވެފައި ވަނިކޮށް، ހަބަނޑަށް ކެއުމަށްފަހު ނިދެނީއެވެ. މިއީ ހަގީގަތުގައި ހަށިގަނޑަށް ވަރަށް ނޭދެވޭ އަސަރުތައް ކުރާ، އަދި ބަރުދަން އިތުރުވުމަށް މަގުފަހިކުރާ ކަމެކެވެ.
ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން، ރޭގަނޑުގެ ކެއުން ނިދުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިން ކެވުން މުހިންމެވެ. މި އާދަ، ޑައެޓްކުރާ މީހުންނާއި ނުކުރާމީހުންވެސް އަށަގެންނެވުން ހަށިގަނޑަށް ފައިދާކުރުވަނިވި ކަމެކެވެ. ކެއުމަށްފަހު ބައެއްފަހަރު ސްނެކް ނަގާމީހުންވެސް މަދެއްނޫނެވެ. މިގޮތަށް ސްނެކް ނެގުމުގެ ބަދަލުގައި ތިރީގައި މިވާ ބުއިންތަކެއް ނިދުމުގެ ކުރިން ބޭނުންކޮށްލުމުން ބަނޑުހައިކަން ފިލައި، ހަށިގަނޑު ލުއިވެ، ހިކުމަށް މަގުފަހިކޮށްދޭނެއެވެ.
1. ގްރީކް ޔޯގަޓް ޕްރޮޓިން ޝޭކް
ގަވާއިދުން ކަސްރަތު ކުރާ މީހެއްނަމަ، ޕްރޮޓިން ޝޭކެއް ނިދުމުގެ ކުރިން ބޭނުންކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. ޕްރޮޓިން ޝޭކުން ހަށިގަނޑުގައި ހުންނަ ކެލޮރީސް އަނދާލައި، މަސްތައް ވަރުގަދަކޮށްދެއެވެ. އަދި ކިރުގައި ހުންނަ ’ޓްރައޮޓޮޕަން‘ (Tryptophan) އަދި ކެލްޝިއަމް (Calcium) ގެ ސަބަބުން ނިދުމަށް ފަސޭހަކޮށްދެއެވެ. މީގެ އިތުރުން ކިރުގައި ހިމެނޭ ޕްރޮޓީން އެއްކަމަށްވާ ’ކެސެއިން‘ (Casein) އިން ގައިގެ މަސްތައް ދިގު މުއްދަތަކަށް އުފެދުމަށް އެހީވެދެއެވެ. މިޝޭކް ތައްޔާރުކުރުމަށް، އަންސްވީޓެންޑް އަލްމަންޑް މިލްކް ނުވަތަ ސޮއީ މިލްކަށް ގްރީކް ޔޯގަޓް އެޅުމަށްފަހު މިލްކްޝޭކް ތައްޔާރުކުރާށެވެ. ބޭނުންނަމަ މާމުއި ސަމުސަލެއް އަޅާލެވިދާނެއެވެ.
2. ޗެމޮމައިލް ޓީ
ޗެމޮމައިލް އަކީ ނިދުމަށް ފަސޭހަކޮށްދޭ އެއްޗެއްގެ ގޮތުގައި ދުނިޔޭގައި މަޝްހޫރު މަލެކެވެ. މިއީ ހާބަލް މެޑިސިންތަކަށްވެސް ބޭނުންކުރަމުން އަންނަ މަލެކެވެ. ޑެއިޒީ މަލުގެ އާއިލާއަކަށް ނިސްބަތްވާ މިމަލުން ގިނަ ފައިދާތަކެއް ވެއެވެ. ބަނޑުގައި ގޭސް ހެދި ބޭރަށް ހިނގުން، ބަރުދަން ލުއިކޮށްދިނުން އަދި ލޭގައި ހަކުރު ހުންނަ މިންވަރު މިމަލުން ސައި ތައްޔާރުކޮށްގެން ބުއިމުން ކުޑަކޮށްދެއެވެ. ނިދުމުގެ ކުރިން މިމަލުން ސައި ތައްޔާރުކޮށްގެން ހޫނުކޮށް ބޯށެވެ.
3. ސިނަމަން ޓީ
ފޮނިތޮށްޓަކީ އޭގައިވެސް ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. ފޮނިތޮށި ހާއްސަވަނީ ’މެޓަބޮލިޒަމް‘ (Metabolism) ބޫސްޓްކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. މީގައި އެންޓި-އޮކްސިޑެންޓް (Antioxidant) އަދި އެންޓިބަޔޮޓިކް (Antibiotic) ހިމެނޭތީ މިއީ ބޭނުންކޮށްލަން ރަނގަޅު ’ޑިޓޮކްސް‘ (Detox) ބުއިމެކެވެ. ހަށިގަނޑުގައި ހުންނަ ވިހަ އަދި ސަރުބީ ވިރުވާލުމަށް، މާމުއި ކޮޅެއް އެޅުމަށްފަހު ފޮނިތޮށިން ސައި ތައްޔާރުކޮށްގެން ނިދުމުގެ ކުރިން ބޯށެވެ.
4. ފެނުގްރީކް ސީޑް ޑްރިންކް
ފެނުގްރީކް އަކީ ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ދަށްކުރުމަށް ދުވާލުގަޑީގައި ބޭނުންކުރަން ވަރަށް ރަނގަޅު ބުއިމެކެވެ. އެހެންނަމަވެސް ރޭގަނޑުވެސް މިޑްރިންކް ބޭނުންކުރެވިދާނެއެވެ. މިޑްރިންކުން ހަށިގަނޑު ހޫނުކޮށް ސަރުބީތައް ވިރުވަން އެހީވެދޭނެއެވެ. މީގެ އިތުރަށް ހަޖަމްގެ މައްސަލަތައް ހުންނަނަމަ މިއޮށުން ސައިތައްޔާރުކޮށްގެން ބޭނުންކުރެވިދާނެއެވެ. ފެނުގްރީކް އޮށް ހޫނު ފެނަށް އަޅާފައި ބެހެއްޓުމަށްފަހު އެފެން ބޭނުންކުރާށެވެ.
5. ޓާމެރިކް މިލްކް
ރީނދޫ އަޅައިގެން ތައްޔާރުކުރާ ކިރުތަށި ބުއިމުން ރޯގާ އާއި ކެއްސުން ރަނގަޅުވެއެވެ. މިދެކަންތަކުގެ އިތުރަށް ރީނދޫ ކިރުން ހަޖަމްގެ ނިޒާމު ރަނގަޅުވެ ހަށިގަނޑު ހިކުމަށް އެހީވެދެއެވެ. މިކަމުގެ ސިއްރަކީ ރީނދޫގައި ހިމެނޭ އެންޓި-އޮކްސިޑެންޓް މާއްދާތަކުން ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ވިހަބޭރުކޮށްދިނުމެވެ. މީގެ އިތުރުން މީގައި ހިމެނޭ ޕްރޮޓީން އާއި ކެލްޝިއަމްގެ ސަބަބުން ނިދި ރަނގަޅުކޮށްދީ ހަށިގަނޑު ހިކުމަށް މަގުފަހިކޮށްދެއެވެ.
ހަށިގަނޑު ހިއްކަން ބޭނުންނަމަ، މިބުއިންތަކުގެ އިތުރަށް ގަވާއިދުން ކަސްރަތުކޮށް، ފައިދާހުރި ކާނާ ބޭނުންކުރާށެވެ. އަދި މީގެ އިތުރަށް ދިރިއުޅުމުގެ އާދަކާދަތައް ވަރަށް ރަނގަޅަށް ބެހެއްޓުމަކީ ރަނގަޅު ސިއްހަތެއްގައި މީހާ ދެމިހުރުމަށް އަދި ދާއިމީ ބަލިތަކުން މީހާ ދުރުކުރުމަށް ވަރަށް މުހިންމުކަމެކެވެ.





