ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލު ތަސްދީގު ކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް މިއަދުން ފެށިގެންވަނީ އަމަލުކުރަން ފަށައިފައެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ ކައުންސިލު އުވުނީއެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، މި ގާނޫނުގެ ދަށުން އުފައްދާ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން“ އަށް ބަދަލުވީއެވެ.
މި ގާނޫނުގައިވާ ގޮތުގެ މަތީން ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ތަސްދީގު ކުރައްވައިފައި މިވަނީ އެ ބިލު މަޖިލީހަށް ހުށަހެޅީއްސުރެން ފެށިގެން މަސްލަހަތުވެރިން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.
އޭގެތެރޭގައި މީޑިއާ ކައުންސިލް، ބްރޯޑްކާސްޓިންގ ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން، ބާ ކައުންސިލް، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތައް ހިމެނެއެވެ.
މި ބިލު ގާނޫނަކަށް ވެއްޖެނަމަ، މީޑިއާ ރެގިއުލޭޓު ކުރުމުގެ ބަދަލުގައި ކޮންޓްރޯލު ކުރެވިގެންދާނެ ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ފާޑުކިޔާ އަޑުތައް މަޑުކުރުމަށް ބޭނުން ކުރެވިދާނެ ވަސީލަތްތަކެއް ތައާރަފު ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް މީޑިއާ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި ބިލު ތަސްދީގު ކުރައްވައިފައި މިވަނީ ނޫސްވެރިންނާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން މި ބިލު ތަސްދީގު ނުކުރެއްވުމަށް ގޮވައިލަމުން ދަނިކޮށެވެ.





