ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުނު ކޮމަންވެލްތު ގައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބޭއްވޭކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި، ޝަރަފެއް ކަމަށާއި، މިއީ ކުޅިވަރުގެ ބައިނަލްއަގުވާމީ ދަނޑުތަކުގައި ދިވެހީން ހާސިލުކުރި ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކޮމަންވެލްތު ގައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް މުބާރާތުގައި ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވި ޓީމުތަކާއި، މުބާރާތް ބަލަން ރާއްޖެއަށް ޒިޔާރަތްކުރި މެހުމާނުންނަށް މަރުހަބާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މި މުބާރާތް ރާއްޖޭގައި ބޭއްވޭކަމީ ކުޅިވަރަށް ދިވެހީން ކުރާ ލޯބި ދުނިޔެއަށް ހާމަވެ، އަދި މި ގައުމުގެ ރީތިކަން އެތައް ބަޔަކަށް އިތުރަށް އިޝްތިހާރުވާނެ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި އަމާން ސުލްހަވެރި، ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ މި ރާއްޖެއަށް އެތައް ބަޔެއްގެ ޝައުގާއި ތާރީފު ލިބޭނެ މުބާރާތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”މި މުބާރާތުގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ޓީމުތަކުންވެސް މޮޅު ކުޅުމެއް ފެންނާނެކަމަށް އިންތިޒާރުކުރަން.“
އެމަނިކުފާނު ވަނީ ވަކީން ޚާއްސަކޮށް ދިވެހި ގައުމީ ޓީމަށް ވަރަށް ފަޚުރުވެރި ކާމިޔާބީއަކަށް ވެސް އެދިވަޑައިގެންފައެވެ.





