ފުރަތަމަ ފަހަރަށް ބާއްވާ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖޭގެ ޤައުމީ ޓީމު މޮޅުވެއްޖެއެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ބައްދަލުކުރީ ސްރީލަންކާއާއިއެވެ.
އިއްޔެ ހަވީރު ކުޅުދުއްފުށީ ސިޓީގެ ހޭންޑްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-1 ސެޓުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ސެޓުން އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޕެނަލްޓީ ޝޫޓްއައުޓަކަށް ދިޔައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ރާއްޖޭގެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާލާ 7-4 ގެ ސްކޯއަކުން ލަންކާ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ކާމިޔާބުކުރީ 28-24 ންނެވެ. މި ސެޓުގައި ރާއްޖެ ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ މިފަހަރު އަލަށް ޤައުމީ ޓީމުން ޖާގަ ހޯދި ޒުވާން ތަރި ރާއުލް އެވެ. ދެވަނަ ސެޓުގައި ލަންކާއިން ކުޅުން ރަނގަޅުކޮށް ރާއްޖެއާ ދެކޮޅަށް 34-26 ން އެ ސެޓު ކާމިޔާބުކުރިއެވެ.
މި މުބާރާތުގައި ރާއްޖެއިން ދެން ނިކުންނާނީ މިއަދު ސައުތު އެފްރިކާއާއި ދެކޮޅަށެވެ. އެއަށްފަހު ހަމަ މިރޭ ޕާކިސްތާނާއި ދެކޮޅަށް ރާއްޖޭން ކުޅޭނެއެވެ. މި ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ، ސްރީލަންކާ، އިންޑިއާ، ބަނގްލަދޭޝް، ސައުތު އެފްރިކާ އަދި ޕާކިސްތާނެވެ.





