މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ތަރުބިއްޔަތު ދީ ބޮޑެތި ކުރާ ކުދިން އެނޫން ކުދިންނާ އަޅާބަލާއިރު ސިއްޚީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް މާ ދުޅަހެޔޮކަން ދިރާސާއަކުން ހާމަވެއްޖެއެވެ.
މި ދިރާސާއަކީ އެމެރިކާގެ މަޝްހޫރު ހަވާޑް ޔުނިވަރސިޓީގެ ޕަބްލިކް ހެލްތް ސްކޫލުން ކުރިޔަށް ގެންދިޔަ ދިރާސާއެކެވެ.
ހަވާޑް ޔުނިވަރސިޓީން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން، ދީނީ ތަރުބިއްޔަތާއެކު ބޮޑެތިކުރާ ކުދިން، އެކުދިން ޒުވާން ދުވަސްވަރަށް އެޅުމުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެނޫން ކުދިންނާ އަޅާބަލާއިރު މާބޮޑަށްވެސް ދުޅަހެޔޮވެ، ދިރިއުޅުމުގެ ކަންކަމުގައި ހަރުދަނާކަން އިތުރުކަން ވަނީ ފާހަގަކުރެވިފައެވެ.
މި ދިރާސާގައި އުމުރުން 8 އަހަރާއި 14 އަހަރާއި ދެމެދުގެ 5000 އަށް ވުރެ ގިނަ ކުދިންވަނީ ބައިވެރިކޮށްފައެވެ. ދިރާސާއިން އެނގުނު ގޮތުގައި، ކޮންމެ ދުވަހަކު ނަމާދުކުރާ ނުވަތަ އެނޫންވެސް ދީނީ ކަމެއްގައި މަޝްޢޫލުވެ އުޅޭ ކުދިންގެ ދިރިއުޅުން އެނޫން ކުދިންނާ އަޅާބަލާއިރު 16 އިންސައްތަ އުފާވެރިއެވެ.
އަދި މިފަދަ ކުދިން ފުރާވަރަށް އަޅަމުން އަންނަ ދުވަސްވަރު ޖިންސީ ޖަޒުބާތުގައި ގޯހެއް ހެދުމުގެ ފުރުސަތު އެހެން ކުދިންނާ އަޅާބަލާއިރު 30 އިންސައްތަ ދަށްކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މިއާއެކު، ޖިންސީ ގޮތުން އަރާ ބަލިތަކުން މިފަދަ ކުދިން ރައްކާތެރިވެފައިވާ މިންވަރުވެސް އިތުރުކަން ދިރާސާއިން ދައްކައެވެ. މީގެ އިތުރުން، ދީނީ ތަރުބިއްޔަތު ލިބިފައިވާ ކުދިން މަސްތުވާތަކެއްޗާއި ދުރުވެ، އެފަދަ ތަރުބިއްޔަތެއް ނެތް ކުދިންނަށްވުރެ މުޖުތަމަޢުގައި ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ އަޙްލާޤެއް އަށަގަންނަ ކަމަށްވެސް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. މި ހޯދުންތަކުން ދައްކައިދެނީ ދީނީ އަގުތަކުގެ މައްޗަށް ކުދިން ބޮޑުކުރުމުގެ މުހިންމުކަމެވެ.





