އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. «ثَلاثُ دَعَوَاتٍ مُسْتَجَابَاتٌ، لا يُشَكُّ فِيهِنَّ: وَدَعْوَةُ الْمَظْلُومِ دَعْوَةُ الْوَالِدِ على ولده، وَدَعْوَةُ الْمُسَافِرِ». – رواه الترمزي –
މާނައީ: ”ތިން ދުޢާއެއް އިޖާބަވުމާއިމެދުގައި ޝައްކެއްނެތެވެ. (އެއީ) އަނިޔާ ލިބިގެންވާ މީހާގެ ދުޢާއާއި ބައްޕަ ދަރިންގެ މައްޗަށްކުރާ ދުޢާއާއި ދަތުރުވެރިޔާގެ ދުޢާއެވެ.“
ތިބާގެ ދަރިންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވުން އެދި ދުޢާކުރަންހެއްޔެވެ؟ ތިރީގައި މިވަނީ ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާއެވެ.
1. “ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި އަޅާގެ ދަރިންނަށް ހިދާޔަތާއި ތަޤްވާވެރިކަމާއި ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤް ދެއްވާނދޭވެ! މަޝްރިޤާއި މަޣްރިބު ދުރުކުރެއްވި ފަދައިން މި އަޅާގެ ދަރިންނާއި އެ ދަރިންގެ ފާފަތަކާއި ދުރުކުރައްވާނދޭވެ! ކަށްވަޅުގެ އަޒާބުންނާއި ނަރަކައިގެ އަޒާބުން މި އަޅާގެ ދަރިން ރައްކާތެރިކުރައްވާނދޭވެ1 ޖަންނަތުލް ފިރްދައުސް ގެ އަހުލުވެރިންކަމުގައި މި އަޅާގެ ދަރިން ލައްވާނދޭވެ!”
2. “މި އަޅާގެ ދަރިންގެ ހިތުގައި އިނބަ އިލާހު ގެ ކަލާމްފުޅު ޖަމަޢަކުރައްވާނދޭވެ! ދަރިންގެ ހިތް އަލިކުރައްވައި ދަރިންގެ ހިތުގައި ނޫރެއް ލައްވާނދޭވެ! ދަރިންގެ ހިތް ތަނަވަސް ކުރައްވާ، ދޫ ފަސޭހަ ކުރައްވާ، ދަރިންގެ ފަޞާޙާތްތެރިކަން އިތުރު ކުރައްވާނދޭވެ! ދަރިންގެ ހުވަފެންތައް ހަޤީޤަތަކަށް ހައްދަވާނދޭވެ! ދަރިންގެ އެންމެހާ ކަންކަން ފަސޭހަ ކުރައްވާ، މުސްތަޤްބަލް އުޖާލާ ކުރައްވާނދޭވެ! ހަސަދަވެރިންގެ ހަސަދަޔާއި އެސްފީނާގެ ނުބައިކަމުން މިއަޅާގެ ދަރިން ރައްކާތެރިކުރައްވާނދޭވެ! ސިހުރާއި މުޞީބާތްތަކުން މިއަޅާގެ ދަރިން ރައްކާތެރިކުރައްވާނދޭވެ!”
3. “ދަރިންގެ ޢުމުރުގައި ބަރަކާތް ލައްވާނދޭވެ! ދަރިންގެ ތަޢުލީމީ ޙަޔާތުގައި ބަރަކާތް ލައްވާނދޭވެ! މި އަޅާގެ ދަރިންނަށް ކޮންމެ ކަމެއްގައި ވެސް އިބަ އިލާހުގެ ތައުފީޤާއި ނަޞްރާއި ކާމިޔާބު މިންވަރު ކުރައްވާނދޭވެ!”
4. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މި އަޅާގެ ދަރިންގެ އެންމެހާ ހިތާމަތަކާއި ކަންބޮޑުވުންތައް ފިލުއްވާނދޭވެ! ދަރިންގެ ހިތުގެ ރަބީޢުއަކީ ޤުރްއާންކަމުގައި ލައްވާނދޭވެ!”
5. “މިއަޅާގެ ދަރިންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވާނދޭވެ!”
والحمدلله رب العالمين والصلاة والسلام على أشرف المرسلين سيدنا محمد النّبي الأمين وعلى آلهِ وصحبه أجمعين
މަސްދަރު: އިލްމް.އެމްވީ





