ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ހާޝިމީގެ ކާމިޔާބު ފިލްމު ”އާވާރާޕަން“ ގެ ދެވަނަ ބައިގެ ޝޫޓިން މިއަދު ފަށައިފިއެވެ. މި ޚަބަރު ހިއްސާކުރުމުގެ ގޮތުން އިމްރާން ވަނީ ފިލްމުގެ ނަން ލިޔެފައިވާ ކްލެޕްބޯޑްގެ ފޮޓޯއެއް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕޯސްޓްކޮށްފައެވެ.
”އާވާރާޕަން 2“ އަކީ 2007 ވަނަ އަހަރު ބަޓް ކޭމްޕްގެ ވިޝޭޝް ފިލްމްސް އިން ގެނެސްދިން މަގުބޫލު ކްރައިމް ޑްރާމާ ”އާވާރާޕަން“ ގެ ދެވަނަ ބައެވެ. ފުރަތަމަ ފިލްމުގައި އިމްރާނާއި ޝްރިޔާ ސަރަން ލީޑް ރޯލު އަދާކުރި އިރު، އެ ފިލްމުގެ ޑައިރެކްޓަރަކީ ދާދި ފަހުން ވަރުގަދަ ބްލޮކްބަސްޓަރ ”ސައްޔާރާ“ ގެނެސްދިން މޯހިތު ސޫރީއެވެ.
ނަމަވެސް ”އާވާރާޕަން 2“ ގެ ޑައިރެކްޓަރަކީ ނިތިން ކައްކަރް ކަމަށް ވަނީ އިޢުލާނުކޮށްފައެވެ. މި ފިލްމުގެ ޝޫޓިން މިއަދު ފެށުނު ނަމަވެސް، ފިލްމުގެ ބަތަލާ އަކީ ކާކުކަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ދާދި ފަހުން މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ ”އާވާރާޕަން 2“ ގެ ބަތަލާ އަކީ ޑިޝާ ޕަޓާނީ ކަމަށެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އެޕްރީލް 3 ވަނަ ދުވަހުއެވެ. މިއީ ފިލްމު ޕްރޮޑަކްޝަނަށް ގާތްގަނޑަކަށް 6 މަސްދުވަހުގެ މުއްދަތެއް ދީފައިވާކަން ފާހަގަކުރެވެއެވެ.
އިމްރާންގެ ކުރިއަށް އޮތް އަނެއް ފިލްމަކީ އަންނަ ނޮވެންބަރު 7 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ”ހަޤް“ އެވެ. ސުޕަން ވަރްމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ބަތަލާ އަކީ ޔާމީ ގޯތަމެވެ.
”އާވާރާޕަން 2“ ގެ ޝޫޓިން ފެށުމާއެކު، ގިނަ ސިނަމާ ލޯބިވެރިން ވަނީ މި ފިލްމަށް ބޮޑު އުންމީދުތަކެއް ކުރަން ފަށާފައެވެ. ފުރަތަމަ ބައިގެ ކާމިޔާބީގެ ފަހުން، ދެވަނަ ބައި ވެސް ހަމަ އެފަދަ ކާމިޔާބީއެއް ހޯދާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ.





