ކަޒަކިސްތާނުގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ދެވަނަ މެޗުގައި އެ ގައުމުގެ ކައިރަތު ފުޓްބޯޅަ ކްލަބާ ދެކޮޅަށް ރެއާލް މެޑްރިޑް 5-0 ގެ ބޮޑު ތަފާތަކުން މޮޅުވެއްޖެ އެވެ. މި މެޗުގައި ރެއާލްގެ ފޯވާޑް ކިލިއަން އެމްބާޕޭ ވަނީ ތިން ގޯލު ޖަހައި ހެޓްރިކެއް ހަދާފަ އެވެ.
ލީގުގައި އެންމެ ފަހުން ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވި މެޗާ އެކު، 7،000 ކިލޯމީޓަރުގެ ދުރު ދަތުރަކަށް ފަހު ރޭ ރެއާލް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިންމާލީ އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑަކުން އެއް ގޯލުގެ ލީޑަކާ އެކުގަ އެވެ. ނަމަވެސް، ޕްލޭއޮފްގައި ސެލްޓިކް ބަލިކޮށްގެން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކުޅޭ ކައިރަތަށް ދެވަނަ ހާފުގައި ރެއާލް ހިފަހައްޓާލުން ވީ އުނދަގޫ ކަމަކަށެވެ.
އެމްބާޕޭ އޭނާގެ ދެވަނަ ގޯލު ޖެހީ 52 ވަނަ މިނިޓުގަ އެވެ. އަދި 73 ވަނަ މިނިޓުގައި ތިންވަނަ ގޯލު ޖަހައި ހެޓްރިކް ފުރިހަމަ ކުރި އެވެ. އޭގެ 10 މިނިޓު ފަހުން ރެއާލްގެ ހަތަރުވަނަ ގޯލު ޖެހީ އެޑުއާޑޯ ކަމަވިންގާ އެވެ. އިތުރު ވަގުތުގެ ތެރޭގައި، ބްރަހީމް ޑިއާޒް ރެއާލްގެ ފަސްވަނަ ގޯލު ޖަހައި މި މޮޅު ފުރިހަމަ ކުރި އެވެ.
މި މެޗާ ކުރިމަތިލި އިރު ކައިރަތަށް ވަނީ އަނިޔާގެ ސީރިއަސް މައްސަލައެއް ދިމާވެފަ އެވެ. އެ ޓީމުގެ ތިން ކީޕަރަށް ވެސް އަނިޔާވެފައި ވުމާ އެކު މެޗުގައި ކުޅުނީ ކަޒަކިސްތާނުގެ 19 އަހަރުން ދަށުގެ ގޯލްކީޕަރު، އުމުރުން 18 އަހަރުގެ ޝާކާން ކަލްމުރުޒާ އެވެ. މީގެ އިތުރުން ކަޒަކިސްތާން ގައުމީ ޓީމަށް ކުޅޭ 17 އަހަރުގެ ފޯވާޑް ޑަސްތާން ސަޓްޕަޔޭވް ވެސް ވަނީ މި މެޗުގައި ކައިރަތަށް ސްޓާޓް ކޮށްފަ އެވެ. އޭނާ ވަނީ އަންނަ ސީޒަންގައި އިނގިރޭސި ކްލަބް ޗެލްސީއާ ގުޅުމަށް އެއްބަސްވެފަ އެވެ.
ރޭގެ މޮޅާ އެކު، ރެކޯޑް 15 ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ރެއާލް މެޑްރިޑް ވަނީ ޗެމްޕިއަންސް ލީގުގައި ރެކޯޑް 112 ޓީމު ބަލިކޮށްފަ އެވެ. ރެއާލް ވަނީ ލީގު ބުރުގައި އެޓީމުގެ ފުރަތަމަ ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ކައިރަތަށް އަދި ދެ މެޗުން ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.





