ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗެއްގައި، ކުލަބު އީގަލްސް އަތުން ކުލަބު ގްރީން ސްޓްރީޓްސް މޮޅުވެ، މި ލީގުގައި އެޓީމުން ފުރަތަމަ މޮޅު ހޯދައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ގްރީން ސްޓްރީޓްސް ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުން، މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑަކުންނެވެ.
މި މެޗަށް ދެ ޓީމު ނުކުތްއިރުވެސް އޮތީ މޮޅަކަށް ވަރަށް ބޭނުންވެފައެވެ. ގްރީން ސްޓްރީޓްސްއިން ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެފައިވާއިރު، އީގަލްސް ވަނީ އެއް މެޗު އެއްވަރުކޮށް، އަނެއް މެޗުން ބަލިވެފައެވެ. މި ނަތީޖާއާއެކު އީގަލްސް ވަނީ ލީގުގެ ތާވަލުގެ ނުވަވަނަ އަށް ވެއްޓިފައެވެ.
މެޗު ފެށުނީއްސުރެ ދެ ޓީމުންވެސް އެޓޭކުގައި ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތްކުރިއެވެ. މެޗުގެ ތިންވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ މިސްރުގެ ފޯވާޑް އޮބައިދާ ކާދިމް އަޙްމަދު ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ގްރީން ސްޓްރީޓްސްއިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި އޮބައިދާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ތެރެއިން ލިބުނު ބޯޅައެއްގައި ހަމަޖެހިލާފައި ހުރެގެންނެވެ. ފުރަތަމަ ހާފުގައި އީގަލްސްއިން ކުރިއަށް ޖެހި ގްރީން ސްޓްރީޓްސްގެ ގޯލަށް ނުރައްކާކުރަމުން ދިޔަ ނަމަވެސް، އެ ޓީމުގެ ފޯވާޑުންނަށް ލިބުނު ފުރުސަތުތައް ވަނީ ނިންމާނުލެވިފައެވެ.
ގްރީން ސްޓްރީޓްސްއިން މެޗުގައި ޖެހި ދެވަނަ ލަނޑަކީ އެ ޓީމުގެ ކެޕްޓަން ރިލްވާން ވަހީދު މަތިން ފޮނުވާލި ހިތްގައިމު ލަނޑެކެވެ. މެޗުގެ 31 ވަނަ މިނެޓުގައި އީގަލްސްގެ ހާފުގެ ސެންޓަރ ސާކަލް ތެރޭގައި ހުރެ ރިލްވާން ފޮނުވާލި ބޯޅަ، ގޯލްކީޕަރު ބޯމަތިން ގޮސް ގޯލުގެ ތެރެއަށް ވަންއިރު، މިއީ މި ފަހަރު ޕްރިމިއަރ ލީގުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ރީތި ލަނޑު ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އީގަލްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 34 ވަނަ މިނިޓުގައި ޖަޕާންގެ މިޑްފީލްޑަރ ކަޓްސުޔޯޝީ ކިމިޝީމާއެވެ. މިއީ އޭރިއާ ތެރެއިން އަރިމަތިން ލިބުނު ބޯޅައަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ގްރީން ސްޓްރީޓްސްގެ މިސްރު މިޑްފީލްޑަރު އެލް ސައީދު އަބްދުލް ފައްތާހު ފޮނުވާލި ބޯޅަ ދިޔައީ އީގަލްސްގެ ގޯލާ އަމާޒުނުވެއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން އީގަލްސް ކުރިއަށް ޖެހިގެން ކުޅެމުން ދިޔައިރު، ކައުންޓަރ އެޓޭކުގައި ގްރީން ސްޓްރީޓްސްވެސް ދިޔައީ އީގަލްސްއަށް ނުރައްކާކުރަމުންނެވެ. ދެވަނަ ހާފުގައި އީގަލްސްއިން ގިނަ ވަގުތު ގްރީން ސްޓްރީޓްސްގެ ހާފުގައި ކުޅުނުއިރު، މެޗުގެ 63 ވަނަ މިނިޓުގައި އަޙްމަދު ރިޒުވާން ނަގައިދިން ބޯޅައެއް އޭރިއާ ތެރެއިން ހުސްކޮށް ހުރެފައި އިބްރާހިމް މަހުދީ ހުސެއިން ފޮނުވާލުމުން ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު އަޙްމަދު ރަމީޒް ވަނީ ދިފާއުކޮށްފައެވެ.
އޭގެ ފަހުންވެސް މަހުދީ ފޮނުވާލި ބޯޅައެއް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގްރީން ސްޓްރީޓްސްގެ ކީޕަރު އަޙްމަދު ރަމީޒް ވަނީ މަތަކޮށްފައެވެ. މި ހަމަލާއަށްފަހު ރިޒުވާން ފޮނުވާލި ބޯޅައެއް ގޯލު ރޮނގުމަތިން ރިލްވާން ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގައި އީގަލްސްއިން ނަތީޖާ ހަމަހަމަކުރީ 84 ވަނަ މިނެޓުގައި ޓީމުގެ ކެޕްޓަން ރިޒުވާން އޭރިއާ ބޭރުން ލިބުނު ބޯޅައެއް ހުސްކޮށް ހުރެ އޭރިއާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. އެކަމަކު މެޗުން ގްރީން ސްޓްރީޓްސް މޮޅުވި ލަނޑު އެ ޓީމުން ކާމިޔާބުކުރީ އިތުރު ވަގުތުގައި އޭރިއާ ތެރެއިން އޮބައިދާ ބޮލުން ގޯލުގެ ތެރައަށް ވައްދާލައިގެންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ގްރީން ސްޓްރީޓްސްގެ ކީޕަރު އަޙްމަދު ރަމީޒްއެވެ.





