ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ޑރ. އާއިޝަތު ރަމީލާ އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރު ކަމުގައި ހުންނަވައި މަރިޔަމް މުނާގެ މެންބަރު ކަމުގެ މުއްދަތު ނޮވެބްބަރު މަހުގެ 30 އަށް ހަމާވާނެ ކަމަށެވެ.
އެހެންކަމުން އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް އާންމުކޮށް އިއުލާނުކުރުން އިޖާބަދިން ބޭފުޅުންގެ ތެރެއިން ރައީސްއަށް ފެންނަ ނަންފުޅު ހުށަހަޅާ ކަމަށެވެ.
އެގޮތުން ރައީސް ވަނީ ޑރ. އާއިޝަތު ރަމީލާގެ ނަންފުޅު ހުށަހަޅުއްވާފައެވެ.
މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއަށް ފޮނުއްވާފައެވެ.
ރަމީލާ ވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ. 17 ނޮވެންބަރު 2023 އެ މަގާމަށް އެކަމަނާ އައްޔަން ކުރެވުނު އެކަމަނާ އަކީ މި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މަދު އަންހެން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ.
ރަމީލާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކެންސަރުގެ ނުރައްކާތެރި ބަލީގެ ޝިކާރައަކަށް ވެވަޑައިގެންނެވިއެވެ. މިނިސްޓަރު ކަމުގެ ޒިންމާ އަދާކުރައްވަމުން ރަމީލާ ގެންދެވީ ކެންސަރު ބައްޔަށް ވެސް ފަރުވާ ހޯއްދަވަމުންނެވެ. އަދި ބަލި ހާލަތު ހުންނެވި ގޮތުން އެކަމަނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައެވެ.





