މިމަހުގެ 4-9 އަށް މާލެ އެކުވެނި ސިންތެޓިކް ޓްރެކްގައި ބާއްވަން އުޅުނު އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ބާއްވާ ތާރީހު އަންނަ މަހަށް ފަސްކޮށްފިއެވެ. މި މުބާރާތް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 6 އިން 12 އަށެވެ.
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށާ ތާރީހު ބަދަލުވެފައިވާ ކަމަށާއި، މިހާރު ހަމަޖެހިފައިވަނީ އޮކްޓޫބަރު 6-12 އަށް މި މުބާރާތް ކުރިޔަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް، މުބާރާތް ފަސްކުރި ސަބަބެއް އެސޯސިއޭޝަނުން ހާމައެއް ނުކުރެއެވެ.
މި މުބާރާތަކީ ގިނަ އަދަދެއްގެ ސުކޫލު ދަރިވަރުން ވަރަށް ފޯރީގައި ތައްޔާރުވަމުން އަންނަ މުބާރާތެކެވެ. މުބާރާތުގައި ހިމެނޭ ރޭސްތަކުގެ ތެރޭގައި 80 މީޓަރު، 100 މީޓަރު، 200 މީޓަރު، 400 މީޓަރު، 800 މީޓަރު، 1000 މީޓަރު، 3000 މީޓަރު އަދި 5000 މީޓަރުގެ ދުވުން ހިމެނެއެވެ.
މީގެ އިތުރުން ރިލޭ އާއި ހާޑްބޯލް ތްރޯ އާއި ހާޑްލްސްއާއި ހައި ޖަމްޕާއި ލޯންގް ޖަމްޕާއި ޓްރިޕްލް ޖަމްޕް ހިމެނެއެވެ. އަދި ޝޮޓްޕުޓް އާއި ޖެވެލިން އަދި ޑިސްކަސް ފަދަ އިވެންޓްތައް ވެސް މި މުބާރާތުގައި ހިމެނެއެވެ.
އަންނަ އޮކްޓޫބަރު 6 ގައި ފަށާ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުން އެކި އިވެންޓްތައް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި އަންހެން އަދި ފިރިހެން ކެޓަގަރީން ޖުމްލަ 110 އިވެންޓް ކުރިޔަށް ދާނެއެވެ.
މިއަހަރު ކުޅުދުއްފުށި ސިޓީއާއި ފުވައްމުލައް ސިޓީގައި ވެސް ވަނީ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތްތައް ބާއްވާފައެވެ.





