ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ސެވިއްޔާ އިން ބާސެލޯނާ އަތުން 4-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، ބާސެލޯނާއަށް މިފަހަރުގެ ލީގުގައި ފުރަތަމަ ބައްޔެއް ލިބިއްޖެ އެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.
މި މެޗުން ބަލިވުމާ ގުޅިގެން ބާސެލޯނާ އޮތީ ކުޅުނު 8 މެޗުން ލިބުނު 19 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ރެއާލް މެޑްރިޑުން ވަނީ 8 މެޗުން 21 ޕޮއިންޓު ހޯދައިފަ އެވެ.
މެޗުގެ 13 ވަނަ މިނެޓްގައި ސެވިއްޔާ އިން ލީޑު ނެގީ، އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އެލެކްސިސް ސަންޗޭޒް ކާމިޔާބުކޮށްދިން ގޯލުންނެވެ. އަދި މެޗުގެ 36 ވަނަ މިނެޓްގައި އިސާކް ރޮމޭރޯ ސެވިއްޔާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން މާކަސް ރަޝްފޯޑް ވަނީ ބާސާއަށް ގޯލެއް ކާމިޔާބުކޮށްދީފަ އެވެ.
ދެވަނަ ހާފުގައި ބާސާއަށް ނަތީޖާ އެއްވަރުކޮށްލުމުގެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ރޮބަޓް ލެވެންޑޯސްކީ ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ ބޭރަށެވެ.
ސެވިއްޔާގެ ތިންވަނަ ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ހޯޒޭ އެންހެލް ކާމޮނާ ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ ފަހު ގޯލު މެޗުގެ ފަހު ސިކުންތުކޮޅުތެރޭ ކާމިޔާބުކޮށްދީފައިވަނީ އަކޯ އެޑަމްސް އެވެ. މި މޮޅާއެކު ސެވިއްޔާއަށް ވަނީ މުހިންމު ތިން ޕޮއިންޓު ލިބިފަ އެވެ.
އިންޓަނޭޝަނަލް ބްރޭކަށް ފަހު ބާސެލޯނާ އިން ލީގުގައި ބައްދަލުކުރާނީ ޖިރޯނާއާ އެވެ.





