ބޮލީވުޑްގެ އާ އެކްޓަރު އަހާން ޕާންޑޭގެ ދެވަނަ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިއީ ދާދި ފަހުން ރިލީޒްކުރި ”ސައްޔާރާ“ ފިލްމުން ވިދިގެން އަންނަ އަހާންގެ ދެވަނަ ފިލްމެވެ.
މިދިޔަ ހަފުތާގެ ތެރޭގައި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ”ސައްޔާރާ“ އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ދެވަނަ ފިލްމަކަށް އަހާން ވަނީ ސޮއިކޮށްފައެވެ. މި އާ ފިލްމަކީ ރޮމޭންޓިކް އެކްޝަން ފިލްމެއް ކަމަށާއި، އޭގެ ޑައިރެކްޓަރަކީ އަލީ އައްބާސް ޒަފަރު ކަމަށް މީޑިއާތަކުން ހާމަކޮށްފައިވެއެވެ.
މި ފިލްމުގެ ނަން އަދި ސާފުވެފައި ނުވިނަމަވެސް، ބަތަލާގެ ދައުރު އަދާކުރާނީ ޝަރްވާރީ ވާގް ކަން އެނގިފައިވެއެވެ. ޝަރްވާރީއަކީ ވައިއާރްއެފްގެ 2021 ގެ ”ބަންޓީ އޯރް ބަބްލީ 2“ އިން ތައާރަފުވި، އަދި މިހާރު ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ ބަތަލާއެކެވެ.
މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، އަހާން އާއި ޝަރްވާރީގެ މި ފިލްމު އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެއެވެ.
މި ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ އެންމެ ފަހުގެ ފިލްމަކީ ޕޫޖާ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް މިދިޔަ އަހަރު އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފާ އެކު ގެނެސްދިން ”ބަޅޭ މިޔާ ޗޯޓޭ މިޔާ“ އެވެ. ވައިއާރްއެފަށް އަލީ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ސަލްމާން ޚާންގެ 2017 ގެ ”ޓައިގާ ޒިންދާ ހޭ“ އެވެ. މީގެ އިތުރުން އޭނާއަކީ ވައިއާރްއެފްގެ ”މޭރޭ ބްރަދާ ކީ ދުލްހަން“، ”ގުންޑޭ“ އަދި ”ސުލްތާން“ ގެ ވެސް ޑައިރެކްޓަރެވެ.
ޝަރްވާރީގެ ކުރިއަށް އޮތް ފިލްމަކީ ޑިސެންބަރުގައި ގެނެސްދޭން ހަމަޖެހިފައި އޮތް ސްޕައި ޔުނިވާސްގެ ”އަލްފާ“ އެވެ. މިއީ އޭނާ އާއި އާލިއާ ބަޓް ލީޑްކުރާ ފިލްމެކެވެ.
މި ފިލްމުގެ އިތުރު ތަފްސީލުތައް ލިބުމުން އާންމުކުރާނެ ކަމަށް ވައިއާރްއެފްއިން ބުނެފައިވެއެވެ.





