ދެކުނު އޭޝިއާ ފުޓްބޯޅަ ފެޑަރޭޝަނުން ބާއްވަން ތައްޔާރުވެފައިވާ ފުރަތަމަ ފުޓްސަލް މުބާރާތް ތައިލެންޑްގައި ބޭއްވުމަށް ނިންމައިފިއެވެ.
ސާފުން އިސްނަގައިގެން ސަރަހައްދީ ގައުމުތަކަށް ބާއްވާ ފުޓްސަލް މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަން ވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.
ސާފުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު އޮތް ގޮތުން އަންހެން އަދި ފިރިހެން މުބާރާތް ވެސް ކުރިއަށް ގެންދާނީ ތައިލެންޑްގައި އަންނަ އަހަރުގެ ޖެނުއަރީ 13 އިން 26 އަށް ކަމަށެވެ.
ފުޓްސަލް މުބާރާތް ކުރިއަށްދާ އިރު އެ މުބާރާތުގެ ތެރެއިން ރެފްރީންނާއި ކޯޗުން ބިނާކުރުމުގެ ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ސާފުން ބުނެއެވެ.
ސާފްގެ ޖެނެރަލް ސެކްރެޓަރީ ޕުރުޝޮތަމް ކަޓޭލް ވިދާޅުވީ ފީފާ ހުރިހާ މެންބަރު ގައުމުތަކަކުން ވެސް ފުޓްސަލްއާއި ބީޗް ސޮކާއަށް މިހާރު ސަމާލުކަން ދޭ މިންވަރު އިތުރުވަމުންދާ އިރު ދެކުނު އޭޝިއާ ގައުމުތަކުން އަދި އެ މަންޒަރު ނުފެންނަ ކަމަށެވެ.





