ސުވަރުގެއެއް ފަދަ ރާއްޖެ ތަޖުރިބާކޮށްލަން ޖެހޭ ކަމަށާއި ވަރަށް އަވަހަށް ރާއްޖެއިން ބައްދަލުވާނެ ކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖައްސާފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ބުނެފިއެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ އެ ފަދައިން ބުނެފައި ވަނީ އިންސްޓަގްރާމު ސްޓޯރީއަށް ލާފައިވާ ވީޑިއޯއެއްގައެވެ.
ކެޓްރީނާ ބުނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ ފުރުސަތު ލިބިގެންދިއުމަކީ ލިބުނު ވަަރަށް ބޮޑު އުފަލެއް ކަމަށާއި ރާއްޖެއަކީ ޤުދުރަތީ ރީތިކަމާއި މަތީ ފަންތީގެ ހިދުމަތުގެ ނަމޫނާއަކަށްވާ އިރު ރާއްޖެ ތަފާތުވާގޮތް ދުނިޔޭގެ އެކި ކަންކަޅުތަކުގެ މީހުންނަށް ކިޔައިދީ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކެތްމަދުވެފައިވާ ކަމަށެވެ.
”ސުވަރުގެއެއް ފަދަ ރާއްޖެ ތަޖުރިބާކޮށްލަން ޖެހޭ. ވަރަށް އަވަހަށް ރާއްޖެއިން ބައްދަލުވާނަން،“ ކެޓްރީނާ ބުނެފައިވެއެވެ.
ރާއްޖޭގެ ސާފު މޫދާއި ތަފާތު ދިރުންތަކުން ފުރިފައިވާ ކަނޑާއި ހަމަހިމޭން މާހައުލަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ތަޖުރިބާ ނުކުރެވޭނެ ކަން ކެޓްރީނާ ފާހަގަކުރި ނަމަވެސް ކެޓްރީނާ ރާއްޖެ އަންނާނެ ސީދާ ތާރީހެއް އަދި ހާމަކޮށްފައި ނުވެއެެވެ.
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ކެޓްރީނާ ހަމަޖެއްސި މިދިޔަ ޖޫން މަހުއެވެ.





