އިންޑިއާ ސަރުކާރުން ނަފުސާނީ ދުޅަހެޔޮކަމަށް އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން އެކަމަށް ޚާއްސަ ސަފީރެއްގެ ގޮތުގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން ހޮވާފައިވާކަން އިއުލާނުކޮށްފިއެވެ. މި މަޤާމަށް ދީޕިކާ ހޮވުނުކަން އިއުލާނުކޮށްފައިވަނީ އިއްޔެ ފާހަގަކުރި ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ޚާއްސަ ބައްދަލުވުމެއްގައެވެ.
ދަ ލައިވް ލަވް ލާފް (އެލްއެލްއެލް) ފައުންޑޭޝަންގެ ބާނީގެ މަގާމުވެސް ފުރަމުން އަންނަ ދީޕިކާ، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާއާ ގުޅިގެން އެ ޤައުމުގައި ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ހޭލުންތެރިކަން އިތުރުކޮށް، ނަފުސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށް ފަސޭހައިން އެހީ ހޯދާނެ ގޮތްތައް ފަހިކޮށްދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެކުރިންވެސް ނަފުސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަމާ ގުޅޭގޮތުން ވަކާލާތުކޮށް އާއްމުންނަށް އެ މައުލޫމާތު ފޯރުކޮށްދެމުން އަންނަ ބަތަލާއަކު، ނަފުސާނީ ދުޅަހެޔޮކަމުގެ ސަފީރުގެ މަގާމަށް ހޮވުމަކީ ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ޔޫނިއަން މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ، ޖޭ.ޕީ. ނައްޑާ ވިދާޅުވީ، ދީޕިކާ ފަދަ އާއްމުން ރޯލް މޮޑެލްއެއްގެ ގޮތުގައި ބަލައިގަންނަ ބަތަލާއަކު ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ މައްސަލަތަކާ ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގައި މަޝްއޫލުވެ އުޅުމަކީ އެ ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް އެކަމުން އަރައިގަންނަން ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ޔޫނިއަން މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރގެ ފުރަތަމަ ނަފުސާނީ ދުޅަހެޔޮކަމުގެ ސަފީރުގެ ގޮތުގައި ޚިދުމަތްކުރުމުގެ ފުރުޞަތު ލިބުނުކަމީ ދީޕިކާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ބުނެ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ބަތަލާ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ޔޫނިއަން މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާއާ އެކު ގާތުން މަސައްކަތްކޮށް، އަމިއްލަ ޤައުމުގެ ނަފުސާނީ ދުޅަހެޔޮކަމުގެ އޮނިގަނޑު އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެށުމަށް ކެތްމަދުވެފައިވާ ކަމަށްވެސް ދީޕިކާ ވަނީ ބުނެފައެވެ.
ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި، ދީޕިކާގެ އަމިއްލަ ފައުންޑޭޝަން ”ދަ ލައިވް ލަވް ލާފް“ އިން ވަނީ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ނަފުސާނީ ދުޅަހެޔޮކަމާ ގުޅިގެން ފަރުވާ ބޭނުންވާ މީހުންނަށް ފަރުވާ ދިނުމުގެ އެތައް މަގުތަކެއް ފަހިކޮށްދީފައެވެ. އެގޮތުން މިހާތަނަށް އަށް ސްޓޭޓުގެ 15 ޑިސްޓްރިކްޓެއްގައި 21,931 އަށްވުރެ ގިނަ ނަފުސާނީ ބަލިމީހުންނާއި އެ މީހުންގެ ބަލަދުވެރިންނަށް ދީޕިކާގެ ފައުންޑޭޝަނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.





