އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ހޮލީވުޑްގެ ތަޖުރިބާކާރު މަޝްހޫރު ބަތަލާ ޑަޔަން ކީޓަން މަރުވެއްޖެ އެވެ. އޭނާ މަރުވިއިރު އުމުރުން 79 އަހަރެވެ.
މީޑިއާތަކުން ބުނި ގޮތުގައި މި މަޝްހޫރު ބަތަލާ މަރުވީ އޭނާގެ އުފަން ސިޓީ ކަމަށްވާ އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖެލިސްގަ އެވެ. ނަމަވެސް ޑަޔަންގެ މަރާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު، މި ފަހުން އޭނާގެ ސިއްހީ ހާލަތު އެހާ ރަނގަޅު ނޫން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ޑަޔަން އަށް އެންމެ މޮޅު ބަތަލާގެ އޮސްކާ އެވޯޑް ލިބުނީ 1977 ވަނަ އަހަރުގެ ރޮމޭންޓިކް ކޮމެޑީ ”އެނީ ހޯލް“ އިންނެވެ. އޭނާ އަކީ ފިލްމު ތާރީޚުގައި ފާހަގަކޮށްލެވޭ ”ގޯޑްފާދާސް“ ގެ ތިން ފިލްމުގައި ކޭ އެޑަމްސްގެ ރޯލު ވެސް ކުޅެފައިވާ ބަތަލާއެކެވެ.
ކާމިޔާބު ކެރިއަރުގައި ގިނަ އަދަދެއްގެ ފިލްމުތަކުގެ އިތުރުން ޓީވީ އުފެއްދުންތަކުގައި ވެސް ޑަޔަން ވަނީ ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށްފަ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ކޮމެޑީ ”ސަމާ ކޭމްޕް“ އެވެ.
ދެ ކުދިން ތިބި ޑަޔަން އަކީ އޮސްކާ އެވޯޑުގެ އިތުރުން ގޯލްޑެން ގްލޯބް އެވޯޑާއި ބަފްޓާ އެވޯޑް ވެސް ލިބިފައިވާ ތަފާތު އެވޯޑުތައް ހާސިލުކޮށްފައިވާ ބަތަލާއެކެވެ.





