އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމަށް އެކި މީހުން އެކި ކަންކަން ކޮށްއުޅެއެވެ. އެގޮތުން ބައެއް މީހުން ބޮލަށް ކުކުޅު ބިސް އަޅާ އުޅެއެވެ.
ކުކުޅު ބިހުގައި އެކުލެވޭ ޕްރޮޓީންގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަކޮށްދީ އިސްތަށިގަނޑު ބޯވެ ވިދުން ގެނުވައިދީ ރީތިކޮށްދެއެވެ. ވަރުގަދަ އިސްތަށިގަނޑަކަށް ކުކުޅު ބިހަކީ އަޖާއިބެއް ފަދަ ފަރުވާއެކެވެ.
ކުކުޅު ބިހުގެ ގޮބޮޅީގައި ވިޓަމިން އޭ، ވިޓަމިން ޑީ އަދި ވިޓަމިން އީ ހިމެނެއެވެ. އެހެންކަމުން މިއީ އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ނުހަނު ބޭނުންތެރި މާއްދާއެކެވެ.
މި ބަލައިލާނީ އިސްތަށިގަނޑު ރީތިކުރުމަށް ކުކުޅު ބިހުން ވަރަށް ފަސޭހައިން ގޭގައި ކޮށްލެވޭނެ އެގް ޔޯކް ހެއާ މާސްކް ތައްޔާރުކުރާނެގޮތަށެވެ.

އެގް ޔޯކް ހެއާ މާސްކް:
އިސްތަށިގަނޑު ހިކި ”ކިފުޅި“ ވާނަމަ މި ކަމަށް ފަރުވާކުރުމަށް ބިހުގެ ގޮބޮޅި ބޭނުންކޮށްގެން މާސްކެއް ބޭނުންކޮށްލާށެވެ.
ބައި ތަށި ފެނުގެ ތެރެއަށް 2 ބިހުގެ ގޮބޮޅި އާއި 2 ސައިސަމުސާ އޮލިވް އޮއިލް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. މި މާސްކު އިސްތަށިގަނޑުގައި ހޭކުމަށް ފަހު ރަނގަޅަށް ނިވާކޮށްލާށެވެ. އެއަށްފަހު 15 ނުވަތަ 20 މިނެޓް ވަންދެން ބެހެއްޓުމަށް ފަހުން އިސްތަށިގަނޑު ދޮވެލާށެވެ.
ނޯޓް: މި މާސްކު ބޭނުންކުރުމަށް ފަހު ޝޭމްޕޫ ލައިގެން ރަނގަޅަށް އިސްތަށިގަނޑު ދޮންނަންވާނެވެ.





