ޔޫރިން އިންފެކްޝަނަކީ ބައެއް މީހުންނަށް ކުރިމަތިވާ ސިއްހީ ބޮޑު މައްސަލައެކެވެ. މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ. އެހެންކަމުން ބަލީގެ އަލާމާތްތައް ފެންނަން ފަށާ ހިސާބުން މިކަމަށް ފަރުވާ ހޯދުމަށް ސަމާލުވާންޖެހެއެވެ. ޔޫރިން އިންފެކްޝަނަށް ފަރުވާ ނުކޮށް ހުއްޓާ ކިޑްނީއާ ހިސާބަށް ބެކްޓީރިއާ ގޮސް ސީރިއަސް ހާލަތަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ޔޫރިން އިންފެކްޝަންގެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާ އިރު ދިލަ ނެގުމާއި އަވަސް އަވަހަށް ކުޑަކަމުދާން ޖެހުމާއި ކުޑަކަމުދާ އިރު މަދު މިންވަރެއް ބޭރުވުން ފަދަ އަލާމާތްތަށް ހިމެނެއެވެ. މީގެ އިތުރުން ބުރަކަށީގައި ނުވަތަ ދަށްބަނޑަށް ބާރުވެފައި ހުރުން ނުވަތަ ތަދުވުން ހިމެނެއެވެ.
ޔޫރިން އިންފެކްޝަން ވުމާއެކު ކުޑަކަމުދާ ތަކެތި ފުސްކޮށް ކުލަ ގަދަކޮށް ނުވަތަ ލޭ ކުލާގައި ހުރުމާއި އާދަޔާ ހިލާފު ވަސް ދުވުން ފަދަ އަލާމާތްތަށް ފެނިގެން ދެއެވެ.
ވަރުބަލިވެފައި ތުރުތުރު އެޅުމާއި ހުން އައިސް ހީކެރުވުން މިއީ އިންފެކްޝަންގެ އަސަރު ކިޑްނީއާ ހިސާބަށް ފޯރި ކަމުގެ ނިޝާނަކަށް ވެދާނެއެވެ.
ކޮންމެ 5 މީހަކުން އެކަކީ 1 ފަހަރަށް ވުރެ ގިނައިން ޔޫރިން އިންފެކްޝަން ޖެހިފައިވާ މީހެކެވެ. އަދި ބައެއް މީހުންނަކީ އަބަދު މި ވޭން އުފުލަންޖެހޭ މީހުންނެވެ. ގިނަ ފަހަރަށް މިކަމުގެ ސަބަބަކަށް ވަނީ ތަފާތު ވައްތަރުގެ ބެކްޓީރިއާއެވެ. މި ފަދަ ބެކްޓީރިއާގެ ބައެއް ވައްތަރުތައް ހަށިގަނޑުގެ ސެލްތައް ހިސާރުކޮށް އޭގެ ބޮޑު އާބާދީއެއް އުފައްދައި އެންޓިބަޔޮޓިކާއި ދިފާއީ ނިޒާމުން އަސަރު ނުކުރާ ގޮތަށް ތިބެއެވެ. މި ހާލަތުގައި ބެކްޓީރިއާތައް އެންޓިބަޔޮޓިކަށް ނުގުޑާ ގޮތަށް ބަދަލުވެ ދޭތެރެދޭތެރެއިން ހަމަލާދެއެވެ.
ހަކުރު ބަލި ހުންނަ އަންހެނުންނަށް ޔޫޓީއައި ޖެހުމުގެ ނުރައްކާ ބޮޑެވެ. އަދި ދިފާއީ ނިޒާމު ބަލިކަށިވުމަކީ ވެސް މި ކަމުގެ ސަބަބެކެވެ. ބަލިވެއިނުމާއި ކިޑްނީގައި ހިލަ އުފެދުމާއި ކިޑްނީގެ އެކި މައްސަލަތަކާއި ސްޕައިނަލް ކޯޑަށް ލިބޭ އަނިޔާގެ ސަބަބުން ވެސް ޔޫޓީއައި ފަސޭހައިން ޖެހުމަށް މެދުވެރިދާނެއެވެ.
ތަކުރާރުކޮށް ޔޫޓީއައި ޖެހޭ މީހެއް ނަމަ ކުޑަކަމުދާން ޖެހިއްޖެ ހާލަތުގައި ލަސް ކުރުމެއްނެތި ބްލެޑާ ހުސްކުރާށެވެ. ބޮޑުކަމުގޮސް ސާފުވާ އިރު ކުރިމަތީފަރާތަށް ނަޖިހުގެ އަސަރު ނުކުރާނެގޮތަށް އެކަން ކުރުމަށް ފަރުވާތެރިވާށެވެ.
ބާތު ޓަބަށް އެރިގެން ފެންވެރުމުގެ ބަދަލުގައި ޝަވަރުން ފެން ގަޔަށް އޮހިގެންދާ ގޮތަށް ފެންވަރާށެވެ. އަދި ދެމަފިރިކަމުގެ ގުޅުން ހިންގުމުގެ ކުރިން ރަނގަޅަށް ދޮވެ ސާފުކުރާށެވެ. މީގެ އިތުރުން ދެމަފިރިކަމުގެ ގުޅުން ހިންގުމަށް ފަހު ކުޑަކަމުދިއުމަށް ފަރުވާތެރިވާށެވެ.
ނޯޓް: ބާރު ޖިންސް އަދި ނައިލޯން ޖަންގިޔަލުގެ ސަބަބުން ވެސް ޔޫޓީއައި އަށް މަގު ފަހިވެއެވެ.





