ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކާއި ޓީވީގެ ބައެއް އުފެއްދުންތަކުގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ މަޝްހޫރު އެކްޓަރު ސަތިޝް ޝާހް މަރުވެއްޖެ އެވެ.
އުމުރުން 73 އަހަރުގައި އެކްޓަރު ސަތިޝް ޝާހް މަރުވީ ސިއްހީ ހާލަތު ގޯސްވެގެންނެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަތިޝް ޝާހް މަރުވީ މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކިޑްނީ ފެއިލްވެގެންނެވެ. އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔައީ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ކަމަށްވެ އެވެ.
ސަތިޝްގެ މަރާ ގުޅިގެން ބޮލީވުޑްގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅު ކުރަމުންނެވެ. އޭނާއަކީ ބޮލީވުޑްގެ މަޝްހޫރު ވަަރަށް ގިނަ ތަރިންނާ އެކު މަސައްކަތްކޮށްފައިވާ ކުޅަދާނަ ފަންނާނެކެވެ.
ފިލްމީ މަސައްކަތްތަކަށް ހަތްދިހައިގެ ތެރޭގައި ނުކުތް ސަތިޝް ޝާހްގެ އެންމެ ފަހުގެ ފިލްމަކީ 2014 ގައި ރިލީޒްކުރި ”ހަމްޝަކަލްސް“ އެވެ. އޭނާ ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެެއް ފިލްމުތަކުގެ ތެރޭގައި ”ޕުރާނާ މަންދިރު“، ”އުމްރާއޯ ޖާން“، ”ހަމް އާޕް ކޭ ހޭ ކޯން“، ”ދިލްވާލޭ ދުލްހަނިއާ ލޭޖާއޭގޭ“، ”އަކޭލޭ ހަމް އަކޭލޭ ތުމް“، ”ފަނާ“، ”އޯމް ޝާންތީ އޯމް“، ”ޗަލްތޭ ޗަލްތޭ“، ”ކަލް ހޯ ނަ ހޯ“، ”ރާ.ވަން“ އަދި ”މުޖްސޭ ޝާދީ ކަރޯގީ“ ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
މީގެ އިތުރުން ސަތިޝް ކުޅުނު ސިލްސިލާތަކުގެ ތެރެއިން ”ސަރަބާއީ ވާސަސް ސަރަބާއީ“ އަދި ”ވިކްރަމް ބެތާލް“ އަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ދެ ސިލްސިލާ އެވެ. އާންމުންގެ ތެރޭގައި ސަތިޝް އެންމެ މަގުބޫލީ އޭނާ ކުޅުނު ހެއްވާ މަޖާ ރޯލުތަކުންނެވެ.





