ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ އަށް، ފާތުމަތު ނަހުލާގެ މަޝްހޫރު ވެބް ސީރީޒް ”ހުވާ“ ގެ ތިން ވަނަ ސީޒަންގެ ޝޫޓިންއެއްގެ ތެރެއިން ބޮޑު އަނިޔާއެއް ލިބިއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ މި މަހުގެ ކުރީކޮޅުން ފެށިގެން ކުރިއަށްދާ ޝޫޓިންގެ ތެރެއިން އޭނާ އެކްޓަރު އަހުމަދު އީސަ (އާނަންދު) އާއެކު ނަގަމުން ދިޔަ މަންޒަރެއްގަ އެވެ.
އައްޒަ އަށް ލިބިފައިވާ އަނިޔާގެ ސީރިއަސްކަން ހާމަވާ ވީޑިއޯއެއް އޭނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އައްޒަގެ އަނގަމަތި ފަޅައިގެން ގޮސް، ވަރަށް ބޮޑަށް ވެސް ލޭ ފައިބާފައިވެ އެވެ. އަދި އޭނާގެ ދަތެއް ވެސް ބިންދައިގެން ގޮސްފައިވާކަން ވީޑިއޯއިން ފާހަގަވެ އެވެ.
މި ހާދިސާ ހިނގާފައިވަނީ، އައްޒަ އާއި އާނަންދު އެކީގައި ނަގަމުން ދިޔަ މަންޒަރެއްގެ ތެރެއިން އައްޒަ ކޮއްޕާލެވުނު ގޮތަކުން ވެއްޓިގެންނެވެ. އައްޒަ އާއި އާނަންދަކީ ނަހުލާގެ މިދިޔަ އަހަރު ގެނެސްދިން ”ސޮރީ“ ގައި ވެސް މުހިއްމު ރޯލުތަކެއް ކުޅުނު ދެ ތަރިންނެވެ. އޭގެ ފަހުން އެ ދެ މީހުން އެކީގައި ”ކަނބުލޮ“ ފިލްމުން ވެސް ފެނިފައިވެ އެވެ.
ބޮޑު ކާސްޓެއް ހިމެނޭ ”ހުވާ“ ސީޒަން ތިނެއްގެ ޝޫޓިން މި މަހުގެ ކުރީކޮޅުން ފެށިގެން ކުރިއަށްދާ އިރު، މިއީ ބައިސްކޯފާ ގުޅިގެން ހަދާ ސީރީޒެކެވެ. ތިން ވަނަ ސީޒަން ޑައިރެކްޓްކުރަނީ ނަހުލާ އާއި އައްޒަގެ ދައްތަ ބަތަލާ އައިޝަތު ރިޝްމީ އެވެ.
”ހުވާ“ އަކީ ބައިސްކޯފް 2018 ގައި ލޯންޗްކުރި އިރު، އެއަށް އެންމެ ފުރަތަމަ ގެނައި ސީރީޒެވެ. އޭގެ ފުރަތަމަ ދެ ސީޒަންގައި ޖުމްލަ 102 އެޕިސޯޑް ގެނެސްދީފައިވެ އެވެ. ”ހުވާ“ ޕްރީމިއާކުރީ އެ މަހުގެ 29 ގަ އެވެ. ތިން ވަނަ ސީޒަން ގެނެސްދޭން ފަށާނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.
”ހުވާ“ ގެ ޝޫޓިންގެ ތެރެއިން އައްޒަ އަށް އަނިޔާވި އިރު، އަންނަ މަހުގެ 5 ގައި ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ކޮމެޑީ ފިލްމު ”ކޮސް ގިނަ މިސްޓޭކް“ އިން ވެސް އޭނަ ފެންނާނެ އެވެ.





