ޤާނޫނީ ވަކީލް އަބްދުﷲ ޙަސީން 2018 ވަނަ އަހަރު އުފެއްދެވި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުވާލީ ޤާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން، އެ ޕާޓީ އަލުން އިއާދަކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފިއެވެ.
އެމްއެލްއެސްޑީޕީ 2022 ވަނަ އަހަރުގެ ޖޫން މަހުގައި އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3,000 މެންބަރުން އެ ޕާޓީގައި ހަމަނުވާ ކަމަށް ބުނެއެވެ.
އެ ޕާޓީން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، ކޯޓުން މިދިޔަ މަހު ވަނީ އެ ނިންމުން ޤާނޫނާ ޚިލާފު ކަމަށް ހުކުމްކޮށްފައެވެ.
ސިވިލް ކޯޓުގެ ހުކުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިޢުލާނެއްގައި ވަނީ އެމްއެލްއެސްޑީޕީ އިއާދަކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީ އަލުން ހިމަނާފައިވާ ކަމަށެވެ.
ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި، 3,000 މެންބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އެމްއެލްއެސްޑީޕީ އަށް 3 މަސް ދުވަހުގެ ނޯޓިހެއް ދިން އިރު، އެ ޕާޓީގައި 2,700 އަށް ވުރެ ގިނަ މެންބަރުން ތިއްބި ކަމަށެވެ.
އަދި ނޯޓިސްގެ މުއްދަތުގައި ޕާޓީން 300 އަށް ވުރެ ގިނަ މެންބަރުން އިތުރުކޮށް، ފޯމުތައް ކޮމިޝަނަށް ހުށަހެޅި އިރު، އެ ފޯމުތައް ސައްހަ ކަމަށް ކޮމިޝަނުން ވެސް ބަލައިގެންފައިވާ ކަމަށް ހުކުމުގައިވެއެވެ.
ހުކުމުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، މެންބަރުން ހަމަކުރަން ނޯޓިސް ދިން އިރު މަދުވި އަދަދަށް އެކަނި މެންބަރުން ހަމަކުރަން ޖެހޭނެ ކަމަށެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ނޯޓިސް ދީފައި ވަނިކޮށް އެ މުއްދަތުގެ ތެރޭގައި ޕާޓީން ވަކިވާ މެންބަރުންގެ ބަދަލުގައި ވެސް އިތުރަށް މެންބަރުން ހަމަކުރަން ޖެހޭނެ ކަމަށެވެ.
އެމްއެލްއެސްޑީޕީ އުވާލީ، ޕާޓީން މެންބަރުންގެ އަދަދު ހަމަކޮށްފައި ވަނިކޮށް ކަމަށްވާތީ، އެ ޕާޓީ އުވާލަން ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމަށް ކޯޓުގެ ހުކުމުގައި ބުނެއެވެ. ނަމަވެސް، އެމްއެލްއެސްޑީޕީ ދެމިއޮންނާނެކަން ނުވަތަ ނޫންކަމެއް އެ ހުކުމުގައި ބުނެފައެއް ނުވެއެވެ.





