މި އަހަރުގެ ނަޞްރުގެ ދުވަހާއި ގުޅުވައިގެން ބާއްވާ ސިފައިންގެ އަސްކަރީ ހުށަހެޅުންތައް މާދަމާ ޖުމްހޫރީ މައިދާނުގައި އޮންނާނެ ކަމަށް ޤައުމީ ދިފާއީ ބާރުން ވިދާޅުވެއްޖެއެވެ.
ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ ޖުމްހޫރީ މައިދާނުގައި މި އަހަރު އޮންނަ ހުށައެޅުމުގެ މަޤުސަދަކީ ސިފައިން އަސްކަރީ ގޮތުން ތައްޔާރުވެފައި ތިބި މިންވަރު އާންމުންނަށް ދައްކާލުން ކަމަށެވެ.
މި އަހަރު ހުށައަޅައިދޭނީ ރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ދިވެހި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނެއްގެ ޑެމޮންސްޓްރޭޝަން ކަމަށާއި އެ ހަރަކާތުގައި ސިފައިންގެ ހުނަރާއި ޤާބިލުކަން ފެންނާނެކަމަށް ޤައުމީ ދިފާއީ ބާރުން ވިދާޅުވިއެވެ.
ދިފާޢީ ބާރުން ވިދާޅުވީ މިދިޔަ އަހަރާ ހިލާފަށް ސިފައިން ބޭނުންކުރާ އުޅަނދާއި ތަފާތު އާލާތްތައް އޮޕަރޭޝަނެއްގައި ބޭނުންކުރެވޭ ގޮތް ރައްޔިތުންނަށް ދައްކާލެވޭނެ ކަމަށާއި އެ ހަރަކާތް ވާނީ އާންމުން ވަރަށް ޝައުޤުވެރިވާނެ ހަރަކާތަކަށް ކަމަށެވެ.
އެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 16:15 ގައި ނަމަވެސް 15:30 އިން ފެށިގެން އާންމުންނަށް ޖުމްހޫރީ މައިދާން ހުޅުވާލެވޭނެއެވެ.
ޤައުމީ ދިފާއީ ބާރުން ވިދާޅުވީ ޖުމްހޫރީ މައިދާނުގައި އޮންނަ ހަރަކާތުގެ އިތުރުން ވެސް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.





