ސައުދީ އަރަބިއްޔާއިން އުމްރާވެރިންނަށް ދޫކުރާ ވިސާ 3 މަސް ދުވަހުން 1 މަހަށް ކުރުކޮށްފިއެވެ.
ސައުދީގެ ހައްޖާއި އުމްރާ ވުޒާރާއިން ދާދިފަހުން އުމްރާ ވިސާގެ ގަވާއިދަށް އިސްލާހުތަކެއް ވަނީ ގެނެސްފައެވެ. އެ އިސްލާހުތަކަށް ބަލާ އިރު މީގެ ކުރިން ސައުދީއަށް ދިއުމަށް 3 މަސް ދުވަސް ލިބޭ ގޮތަށް ދޫކުރަމުން ދިޔަ އެންޓްރީ ވިސާ މިހާރު ދޫކުރާތާ 1 މަސް ތެރޭގައި ސައުދީއަށް ދާން ޖެހޭނެއެވެ.
މީގެ އިތުރުން އެންޓްރީ ވިސާގެ ދަށުން ސައުދީއަށް ދާން ލިބޭ މުއްދަތު 1 މަހަށަ ކުޑަކުރިކަމުގައި ވިޔަސް، ސައުދީއަށް އެތެރެވުމަށް ފަހު، އެ ގައުމުގައި މަޑުކުރެވޭ މުއްދަތަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އަދި ސައުދީއަށް އެތެރެވުމަށް ފަހު އެ ގައުމުގައި އުމްރާވެރިންނަށް 3 މަސްދުވަހަށް މަޑުކުރެވޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
މި އިސްލާހު ގެނައުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މިދިޔަ ޖޫން މަހު ފެށުނު އާ އުމްރާ ސީޒަނަށް ފަހު، އުމްރާއަށް ދޫކޮށްފައިވާ ވިސާގެ އަދަދު 4 މިލިއަނަށް ވުރެ އިތުރުވެފައިވާތީ ކަމަށް ސައުދީން ބުނެފައިވެއެވެ. އަދި މިއީ މިދިޔަ ސީޒަނާ އަޅާބަލާ އިރު ރިކޯޑު އަދަދެއްކަން ސައުދީން ފާހަގަކޮށްފައިވެއެވެ.





