މިއަދަކީ ރާއްޖޭގެ ފަހުރުވެރި ނަޞްރުގެ ދުވަހެވެ. މީލާދީން 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ ފަހުގެ ތާރިހުގައި ދިވެހި ރާއްޖޭއަށް ކުރިމަތިވި ބިރުވެރި ދިވެހީންގެ ހިތުން ފިލާނުދާނެ ކަޅު އަނދިރު ދުވަހެކެވެ.
ހެންވޭރު ހާޖަރާގޭ ޢަބްދުالله ލުޠުފީ އާއި ސްރީލަންކާގެ ޓެރަރިސްޓް، ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތާއި ގުޅިގެން ވެރިކަމުގެ ދަހިވެތިކަމުގައި ރާއްޖެއަށް އުދުވާނީ ހަމަލާ ދީ، ދިވެހިޤައުމަށް ޣައްދާރުވެ، ހިޔާނާތްތެރިވި ބިރުވެރި ދުވަހެވެ.
ލަންކާގެ ޓެރަރިސްޓް ޕްލޯޓް ޖަމާއަތާއި ޢަބްދުالله ލުޠުފީއާއި ދެމެދު ވެވުނު ސިއްރު އެއްބަސްވުންތަކާއެކު ދެ ފަހަރެއްގެ މަތިން އެޖަމާއަތުގެ ބައެއް އިސް މީހުން ރާއްޖެ އައިސް މައުލޫމާތު ހޯދާފައިވެއެވެ. ތަމަޅަ ހަނގުރާމަވެރިންނާއެކު އެމީހުންގެ އަސްކަރީ ކޭމްޕުގައި ޢަބްދުالله ލުޠުފީއާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަޙްމަދު ނާޞިރު އަމަލީގޮތުން ހަރަކާތްތެރިވި އިރު ދިވެހިންގެ ތެރެއިން ލިބުނު މައުލޫމާތުގެ އެހީގައި ރާއްޖެއަށް ހަމަލާ ދިނުމަށް ޕްލޭން ކުރެވިގެން ދިޔައެވެ.
ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ފަތިހު ގާތްގަޑަކަށް ގަޑިން 04:15 ހާއިރު ބަޑީގެ ބިރުވެރި އަޑުފައްގަޑުން މުޅި މާލެ ގުގުމާލިއެވެ. ދުޝްމަނުންގެ ބަޑީގެ ހަމަލާތަކާއެކު ސިފައިންގެ އެތެރޭގައި ކޮމާންޑަރެއްގެ ގޮތުން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އޭރުގެ މޭޖަރ މުޙައްމަދު ޒާހިރުގެ އިރުޝާދާއެކު ސިފައިންގެ މައިމަރުކަޒުން ދިފާއުގައި ހަމަލަދޭން ފެށިއެވެ. ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ދުޝްމިނުންގެ މައިގަނޑު އަމާޒަކަށް ހެދީ ސިފައިންގެ ހެޑުކުއާޓަރެވެ. ސިފައިންގެ ހެޑުކުއާޓަރަށް 3 ދިމާލަކުން ހަމަލާދެމުން ގެންދިޔަ އިރު އެއީ ސިފައިންގެ ކުރިމަތި މައި ގޭޓަށާއި ސިފައިންގެ އިރުއުތުރު ކަންމަތިންނާއި ސިފައިންގެ ހުޅަނގު ދެކުނު ކަންމަތިންނެވެ. މީގެ އިތުރުން ވެސް މީސްމީހުންގެ ގެދޮރުތަކަށް ގަދަކަމުން ވަދެ އެތައްބައެއްގެ މުދާ ފޭރެމުން ދިޔަ އިރު ސަރުކާރުގެ އެތައްތަނަކަށް ބަޑިން ހަމަލާދީ ގެއްލުން ދެމުން ދިޔައެވެ.
އެ ނުރައްކާތެރި ދަނޑިވަޅު ވެސް އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ދިވެހި ފަސްގަނޑުގެ ހައްގުގައި ސިފައިންގެ މައިގޭޓު ހިމާޔަތްކޮށް ސިފައިންނަށް ހަތިޔާރާއެކު ސިފައިންގެ ދިފާއީ މަޤާމުތަކަށް ނުކުންނާނޭ ފުރުސަތު ހޯއްދަވައިދެއްވީ ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ކޯޕްރަލް ޙުސައިން އާދަމްއެވެ.
ސިފައިންގެ ތެރެއިން ހަތިޔާރާއެކު ބަޔަކު ބޭރަށް ނުކުމެއްޖެކަން އެނގުމުން ރާއްޖެ ދޫކޮށް ފިލުމަށް ދުޝްމަނުން ތައްޔާރުވަމުން ދިޔަ އިރު ދިވެހި ސަރުކާރުގެ އެދުމަށް އަވަށްޓެރި އިންޑިއާ ސިފައިން ވެސް އޭރު ދިޔައީ ހަރަކާތްތެރިވަމުންނެވެ. އިންޑިއާ ސިފައިން ހުޅުލެއަށް ފޭބި އިރު ދުޝްމިނުން ފިލައިގެން ދިއުމަށް ނައްޓާލައިފިއެވެ. އެހެންކަމުން ދުޝްމިނުން ރަހީނުކޮށްގެން ގެންދިޔަ މީހުން ސަލާމަތްކުރުމާއި ފިލައިގެންދާން މަސައްކަތްކުރި ޓެރަރިސްޓުން ހުއްޓުވުމަށް ”އޮޕަރޭޝަން ކެކްޓަސް“ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައެވެ. އިންޑިއާގެ މަނަވަރު ޕްރޮގްރެސް ލައިޓު ހޯދައި އޭގައިތިބި ދިވެހީން ސަލާމަތް ކުރުމުގެ މަސައްކަތް ފެށިގެން ދިޔަ އިރު އެ ބޯޓު ހޯދުމަށް ފަހު އަމާންދީ ބޯޓު މަޑުކުރަން އެތައް ފަހަރެއްގެ މަތީން އިންޒާރު ދޭންޖެހުނެވެ.
އެ އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވި އިރު އޭގެ ތެރޭގައި ސިފައިންގެ 8 ބޭކަލުން ހިމެނެއެވެ. މި ހަމަލާގައި 39 ބޭކަލަކު ޒަޚަމްވި އިރު އޭގެ ތެރޭގައި 18 ސިފައިންގެ ބޭކަލުން ހިމެނެއެވެ.
”އެމަތިވެރި ޝަހީދުންނަށް މާތްﷲ ސުވަރުގޭގެ ތަނަވަސް ރަޙުމަތް މިންވަރު ކުރައްވާށި“ އާންމީން!





