ނޮވެންބަރު 3 ވަނަ ދުވަހު މި ޤައުމު ދިފާއުކޮށްދިން ދިނީ އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު އެފަދައިން ވިދާޅުވީ މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު މި ޤައުމު ދިފާއުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިނީ އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން މި ޤައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫހުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަން ކަމަށެވެ.
މާދަމާގެ އުފާފާގަތި ކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ ކޮންމެ ދާއިރާއަކުން ވެސް ވަޠަނުގެ ކުރިއެރުމާއި މަސްލަހަތަށް އިސްކަންދީ މުރާލިކަމާއެކު ހިދުމަތްކުރާނެ އިހްލާސްތެރީން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މިފަދަ އިހުލާސްތެރި ދަރީން މި ޤައުމުގައި ގިނަކޮށްދެއްވުން އެދި ރައީސް ވަނީ ދުއާ ކުރައްވާައި ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައީސް ޑރ. މުއިއްޒު މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ކޮންމެ އަހަރަކުވެސް ނަޞްރުގެ ދުވަސް ފާހަގަކުރަނީ ދިވެހި 7 ހާއިނުންނާއި ނިރުބަވެރި ޖަމާަތެއް ގުޅިގެން ރާއްޖެއަށް ދިން ކުއްލި އުދުވާނީ ހަމަލާއިން ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.
އެ ހަމަލާ ރާއްޖެއަށް ދިނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ.





