ޤައުމުގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ފަޚުރެއް ކަމުގައި ހަދަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު އެ ފަދައިން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހި ޤައުމު އޮތްހާދުވަހަކު ޤައުމުގެ މިނިވަންކަން ދިފާއުކޮށް މިއަދާހަމައަށް ގެނައުމުގައި ޝަހީދުވި ހުރިހާ އަބުތާލުންގެ ޒިކުރާ ތާއަބަދަށް ދެމި އޮންނާނެ ކަމަށެވެ.
ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެންތިބި، އެއްބައެއްވަންތަ ބައެއް ކަމަށާއި މި ޙަގީގަތް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދީ ވާރުތަކޮށްދޭން ޖެހޭ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޤައުމަށްޓަކައި ޤުރުބާންވެވޭނީ ހަމައެކަނި ސިފައިންނާއި ފުލުހުންނަށް ނޫންކަން ފާހަގަކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޤައުމުގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ފަޚުރެއް ކަމުގައި ހަދަންޖެހޭ ކަމަށެވެ.
ބަވަނަވެފައިވާ ދުނިޔޭގައި އެކި ގޮތްގޮތުން ޤައުމުގެ މިނިވަންކަން ނިގުޅައިގަތުމަކީ ފަސޭހަކަމަކަށްވި ނަމަވެސް ކޮންމެ ރައްޔިތަކު ވެސް ޤައުމާއި އެއްކޮޅަށް ވިސްނުން ގެންގުޅޭނަމަ އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
”ކޮންމެ މީހަކަށް ތަމްރީނުދީގެން ހަތިޔާރެއް ނުދެވޭނެ. އެހެންނަމަވެސް ކޮންމެ މީހެއްގެ އަތުގައިވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތް. އެއީ ﷲ ސުބުހާނަހޫ ވަޠަޢާލާ ދެއްވާފައިވާ ސިކުނޑި. ވިސްނުން. އެ މީހެއްގެ ވިސްނުން ޤައުމާ އެއްކޮޅަށް ބޭނުންކުރަން ޢަޒުމު ކަނޑައަޅައި އެގޮތުގައި ރެއާ ދުވާލު އެމީހާގެ ވިސްނުމާއި ހިތުގެ އަޑިން ޤައުމުދެކެ ލޯބިވެ، ޤައުމާ އެއްކޮޅަށް ކަންކަންކުރަން އަޒުމު ކަނޑައަޅައި މަސައްކަތްކުރާހާހިދަކު މި ޤައުމާމެދު ކަންބޮޑުވާކަށް ނުޖެހޭނެ،“ ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ކޮންމެ ފަރުދަކު ވެސް އަމިއްލަ މަސްލަހަތަށްވުރެ ޤައުމު އިސްކުރުމަށް ނަސޭހަތްތެރި ވެވަޑައިގަންނަވާފައެވެ.





