ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި ކެރަމް ކޮމިއުނިޓީ ޝީލްޑް މުބާރާތުގެ ޖޫނިއާ އިވެންޓުތައް ނިންމާލައިފިއެވެ.
ހުޅުމާލެ ކެރަމް އެރީނާގައި ކުރިޔަށްގެންދާ އެ މުބާރާތުގެ ޖޫނިއާ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އަހުމަދު މައިޝާންއެވެ. ފައިނަލް މެޗު މައިޝާން ކާމިޔާބު ކުރީ އިސްމާއިލް ޝަމްހާން ޝާހް އާއި ވާދަކޮށް 25-0 ގެ ސްކޯއަކުންނެވެ. މި ކެޓަގަރީގެ 3 ވަނަ ހޯދީ މުހައްމަދު ޒީހާން އާއި ވާދަކޮށް 17-13 ން މެޗު ކާމިޔާބު ކުރި އަހުމަދު ޝަމާލް ސައުދުﷲއެވެ.
ޖޫނިއާ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އިންޝާ އިކްލީލް އައްބާސްއެވެ. ފައިނަލްގައި އައިޝަތު އަލީޝާ ނާފިއު އާއި ވާދަކޮށް އިންޝާ މެޗު ކާމިޔާބުކުރީ 18-17 އިންނެވެ. މި ކެޓަގަރީގެ 3 ވަނަ ހޯދީ އައިޝަތު މައިލާހް އާދަމް ޒާހިރާއި ވާދަކޮށް 25-0 ން މެޗު ކާމިޔާބު ކުރި ޒުލެއިހާ ލީންއެވެ.
ޖޫނިއާ ފިރިހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އަހުމަދު މައިޝާން އާއި އަލީ އަހްކަމް އާދަމްގެ ޕެއާއެވެ. މައިޝާން އާއި އަހްކަމް ފައިނަލްގައި ވާދަކުރީ އަހުމަދު ޝަމާލް ސައުދުﷲ އާއި އަބްދުﷲ ކިޔާންގެ ޕެއާއާއި ދެކޮޅަށެވެ. މި މެޗު އަހުމަދު މައިޝާން އާއި އަހްކަމް ކާމިޔާބު ކުރީ 22-7 ގެ ސްކޯއަކުންނެވެ.
މި ކެޓެގަރީގެ 3 ވަނަ ހޯދީ މުހައްމަދު ޒީހާން އާއި މީކައިލް ބިން މަދަދުﷲގެ ޕެއާއިންނެވެ. ޒީހާން އާއި މީކައިލްގެ ޕެއާއިން އެ މެޗު ކާމިޔާބު ކުރީ އަބްދުލްމާލިކް ހަސަން ލަތީފާއި އަހުމަދު ނައިސަމް ނިސާހްގެ ޕެއާ 13-7 ގެ ސްކޯއަކުން ބަލިކޮށްގެންނެވެ.
ޖޫނިއާ އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އިންޝާ އިކްލީލް އައްބާސް އާއި އައިމިނަތު ކައިސާ ބިންތް އަބުދުﷲގެ ޕެއާއިންނެވެ. ކައިސާއާއި އިންޝާގެ މި މެޗު ކާމިޔާބު ކުރީ އައިޝަތު އަލީޝާ ނާފިއު އާއި ސޯފިއާ ސުނާން ޝާކިރުގެ ޕެއާ 25-0 ން ބަލިކޮށްގެންނެވެ. މި ކެޓަގަރީގެ 3 ވަނަ ހޯދީ މައިލާ އާދަމް ޒާހިރާއި ނީމް ނަސީމްގެ ޕެއާއެވެ. މައިލާ އާއި ނީމް އެ މެޗު ކާމިޔާބުކުރީ މަރިޔަމް ޝައުން އާއި ފާތިމަތު ޒާޝްގެ ޕެއާ 25-0 ން ބަލިކޮށްގެންނެވެ.
ކެރަމް ކޮމިއުނިޓީ ޝީލްޑް މުބާރާތުގައި ޖޫނިއާ ކެޓަގަރީގައި ހިމެނެނީ 4 އިވެންޓެކެވެ. އޭގެތެރެއިން ޖޫނިއާ ފިރިހެން ސިންގަލްސްގައި 39 ބައިވެރިން ވާދަކުރިއެވެ.
ޖޫނިއާ އަންހެން ސިންގަލްސްގައި 20 ކުޅުންތެރިން ވާދަކުރި އިރު ޖޫނިއާ ފިރިހެން ޑަބަލްސްގައި 40 ކުޅުންތެރިން ވާދަކުރިއެވެ. މީގެ އިތުރުން އަންހެން ޑަބަލްސްގައި 10 ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ.





