”ސެކަންޑް ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓް“ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ޤަތަރުގެ ވެރިރަށް ދޯހާއަށް ފުރާވަޑައިގެންފިއެވެ.
އެ ސަމިޓްގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެން އިޖްތިމާޢީ ތަރައްޤީ ކުރިއެރުވުމާއި، ފަޤީރުކަން ނައްތާލުމާއި، ވަޒީފާގެ ބާޒާރު ހަރުދަނާކުރުމާ، ޝާމިލް މުޖްތަމަޢެއް ބިނާކުރުމާ ބެހޭގޮތުން، މަތީފެންވަރުގެ މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެ މަޝްވަރާތައް ކުރިޔަށްދާނީ 2030 ވަނަ އަހަރާ ހަމަޔަށް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުވައިގެންނެވެ.
އދ.ގެ އާންމު މަޖިލީހުން ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން މި އަހަރުގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެންބަރު މަހުގެ 4 ން 6 ށް ޤަތަރުގެ ދޯހާގައެވެ.
ެެއެ ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން، ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.





