ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްގެ އާ ފަސިންޖަރ ޓާމިނަލުން ސުވިޒަލޭންޑުގެ އެއަރލައިން ”އެޑެލްވައިސް އެއަރ“އަށް ހިދުމަތް ދޭން ފަށައިފިއެވެ.
ވީއައިއޭގެ ޓާމިނަލް 1 އިން އެޑެލްވައިސް އެއަރއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ އެއާރޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި އެޑެލްވައިސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ހަދިޔާ ވެސް ދީފައިވެއެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ އެއިރޯ ބޯޑިން ބްރިޖަށް ކައިރި ކުރި އެޑެލްވައިސް އެއަރގެ ފުރަތަމަ މަތިންދާބޯޓު، ޑަބްލިއުކޭ 066 އަށް މަރުހަބާ ކިއުމުގެ ގޮތުން އެ ފްލައިޓަށް ހާއްސަ ވޯޓާރ ސެލިއުޓެއް އެމްއޭސީއެލުން ވަނީ އަރުވާފައެވެ.
މީގެ އިތުރުން އެ ފުލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހަދިޔާ ދިނުމާއެކު ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.
ފިނިމޫސުމާއި ދިމާކޮށް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާފައިވާ އެޑެލްވައިސް އަކީ ވީއައިއޭގެ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 22 ވަނަ އެއާލައިނެވެ. އެޑެލްވައިސް އެއަރގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައި ވަނީ ސުވިޒަލޭންޑުގެ ވެރިރަށް ޒޫރިކް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.
އެޑެލްވައިސް އެއަރ އަކީ ސުވިސް އިންޓަނޭޝަނަލް އެއަރ ލައިންސްގެ ކޮއްކޮގެ ކުންފުންޏެކެވެ. މި އެއަރލައިނުން ޒޫރިކް އެއަރޕޯޓުގައި ހުންނަ މައި އެއަރޕޯޓުން ޔޫރަޕްގެ އިރުުން ބައިނަލްއަޤުވާމީ ވައިގެ ދަތުރުތައް ކުރެއެވެ.
ފަތުރުވެރިކަމުގެ ޕީކް ސިޒަނާއި ދިމާކޮށް މި އެއަރލައިނުން 2018 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ވެސް ދަތުރުތައް އަންނަނީ ކުރަމުންނެވެ.





