އިންސާނުންނަށް ދިރިއުޅުމުގެ ތެރެއިން އާއްމުކޮށް ދިމާވާ ކަންތައްތަކުގެ ތެރޭގައި ކިނބިހި އެޅުމާއި އާފުރުން ހިމެނެއެވެ. މި ދެކަމަކީ ވަގުތީ ކަމެއް ކަމުގައި ވީނަމަވެސް، އިސްލާމް ދީނުގައި މިކަންކަމާ ގުޅޭ ގޮތުން ދިރިއުޅުމަށް ބޭނުންތެރި އަދަބުތަކާއި އިރުޝާދުތަކެއް ލިބިފައިވެއެވެ. މި އިރުޝާދުތަކުން މުސްލިމް އުންމަތަށް ލިބިދޭ ފައިދާތަކާއި ސިއްހީ ގޮތުން އެކުލެވޭ ހެޔޮކަންތަކުގެ މައްޗަށް މި ޚަބަރުން އަލިއަޅުވާލާނަމެވެ.
އިސްލާމް ދީނުގައި ކިނބިހި އެޅުމަކީ اللَّهُ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމެއް ކަމަށް ބަޔާން ކުރައްވާފައިވެއެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުހައްމަދް صلى الله عليه وسلم ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ހަަމަކަށަވަރުން ކިނބިހި އެޅުމަކީ اللَّهُ ތަޢާލާ ލޯބިވެ ވޮޑިގެންވާ ކަމެކެވެ. އަދި އާފުރުމަކީ އެކަލާނގެ ރުހިވޮޑި ނުގަންނަވާ ކަމެކެވެ.“
އިލްމުވެރިން ވިދާޅުވާ ގޮތުގައި ކިނބިހި އެޅި މީހާ ޙަމްދުކުރުން ސުންނަތް ވެގެން ވަނީވެސް اللَّهُ އެކަމަށް ލޯބިވެވޮޑިގަންނަވާ ކަމެއް އޭނާއަށް މިންވަރު ކުރެއްވީމަ އެކަމުގެ ޝުކުރެއްގެ ގޮތުންނެވެ. ކިނބިހި އެޅިއްޖެނަމަ ޙަމްދު ކުރުމަކީ ނަބިއްޔާ މުހައްމަދް صلى الله عليه وسلم ވަރަށް ބޮޑަށް އިރުޝާދު ދެއްވާފައިވާ ކަމެކެވެ. އެހެންކަމުން ކިނބިހި އެޅޭ ހިނދު، ”الْحَمْـدُ للهِ“ (އެންމެހާ ޙަމްދު ވަނީ اللَّهُ އަށެވެ) ކިޔުން ވެއެވެ. އަދި ކިނބިހި އަޅާފައި ޙަމްދު ކުރާ އަޑު އިވުނު މީހަކުނަމަ، ކިނބިހި އަޅާފައި ޙަމްދު ކުރި މީހާއަށް ހެޔޮ ދުޢާ ކުރަންވާނެއެވެ. މި ދުޢާ ކުރުމުގެ އިބާރާތެއް ގޮތުގައި ”يَرْحَمُـكَ الله“ (اللَّهُ ތިބާއަށް ރަޙްމަތް ލައްވާށި) ބުނަންވާނެއެވެ. އަދި މިފަދައިން ބުނުމުން އޭގެ ޖަވާބުގައި ކިނބިހި އެޅި މީހާ ”يَهْـديكُـمُ اللهُ وَيُصْـلِحُ بالَـكُم“ (ތިބާމެންނަށް اللَّهُ ތެދުމަގު ދައްކަވާށިއެވެ. އަދި ތިބާމެންގެ ކަންތައް ޞުލްޙަ ކުރައްވާށިއެވެ) މިހެން ބުނަންވާނެއެވެ.
ކިނބިހި އަޅާފައި ޙަމްދުނުކުރި މީހާއަށް ޙަމްދުކުރުމަށް ހަދާން ކޮށްދިނުމަކީ ހެޔޮކަމުގެ ތެރެއިންވާ ކަމެއް ކަމަށްވެސް އިލްމުވެރިން ބުނެއެވެ. މީގެ އިތުރުން، ކިނބިހި އަޅާއިރު އަނގަ މަތި ނިވާކުރުމަކީ ސާފުތާހިރު ކަމާއި އެކު އެހެން މީހުންނަށް ކިނބިހީގެ އަސަރުން ބަލިތައް ފެތުރުނަ ނުދިނުމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށް ޒަމާނީ ގިނަ ޑޮކްޓަރުންވެސް ބުނެއެވެ. ނަމަވެސް މިކަމަކީ އެތައްހާސް އަހަރެއް ކުރިން އުންމަތުގެ މާތް ނަބިއްޔާ މުހައްމަދް صلى الله عليه وسلم އިރުޝާދު ދެއްވާފައިވާ ނަބިއްޔާގެ ސުންނަތުން ސާބިތު ކަމެކެވެ. މާތް اللَّهُ ރުއްސުންލެއްވި އަބޫޙުރެއިރަތުގެފާނު އަރިހުން ރިވާވެގެންވާ ބަސްފުޅެެއްގެ މާނައިގައި ވެއެވެ. ”ރަސޫލާ صلى الله عليه وسلم ކިނބިހިފުޅު އަޅުއްވާ ނަމަ އެކަލޭނގެފާނުންގެ އަތްޕުޅު ނުވަތަ ފޭރާންކޮޅު އެކަލޭގެފާނުންގެ އަނގަފުޅުގައި އަޅުއްވައި އަދި އަޑުފުޅު މަޑުކުރައްވައެވެ.“
ކިނބިހި އެޅުމާ ޚިލާފަށް، އާފުރުމަކީ ޝައިތާނާ އެކަމާ ވަރަށް އުފާވެ، ހޭކަމެކެވެ. މި ސަބަބަށްޓަކައި، އާފުރޭއިރު އަނގަމަތީ އަތްއެޅުމަކީ ރަސޫލާ صلى الله عليه وسلم ގެ އިރުޝާދުންވެސް ސާބިތު ކަމެކެވެ. މިކަމާމެދު ހަދީޘް ކުރައްވާފައިވާ ހަދީޘެއްގެ މާނައިގައި ވެއެވެ. ”ތިޔަބައިމީހުންކުރެ މީހަކު އާފުރެނީނަމަ އެމީހަކު އެމީހާގެ އަނގަމަތީގައި ހިފަހައްޓާ ހުށިކަމެވެ. އަތް އަޅާ ހުށިކަމެވެ. އެހެނީ ހަމަ ކަށަވަރުން ޝައިތާނާ ވަދެއެވެ.“
އަބޫ ދާއޫދުގެ 5007 ވަނަ ހަދީޘްގައި އިތުރު އިރުޝާދެއް އާފުރުމާ ބެހޭގޮތުން ދެއްވާފައިވެއެވެ. އެއީ އާފުރޭއިރު ”ހާހް ހާހް“ ގެ އަޑު ނުއިއްވުމެވެ. މިކަމަށް އަލިއަޅުއްވާ ގެނެސްފައިވާ ހަދީޘްގެ މާނައިގައި ވެއެވެ. ”ތިޔަބައި މީހުންކުރެ މީހަކު އާފުރެން ދިމާވެއްޖެނަމަ ’ހާހް ހާހް‘ ނުކިޔާށެވެ. އެބަހީ އެފަދަ އަޑު ނުގޮއްވާށެވެ. އެއީ ހަމަކަށަވަރުން ޝައިޠާނާގެ ފަރާތުން ވާކަމެކެވެ. އެސޮރު އެކަމަށް ހޭނެއެވެ.“
މި ޚަބަރު ކިޔުމަށްފަހު ޔަގީނުންވެސް ކިނބިއްސެއް އެޅޭ ހިނދު މިއީ اللَّهُ ތަޢަލާ ލޯބިވެވޮޑިގަންނަވާ ކަމެއް ކަމާއި އާފުރުމަކީ ޝައިތާނީ އަމަލެއްކަން ގިނަ މީހުންގެ ހަނދާނުގައި ހުންނާނެ ކަމާމެދު ޝައްކެއް ނުކުރަމެވެ. އެނގިފައިވާ އިލްމެއް ހިއްސާ ކުރުމަކީ އަމިއްލަ ނަފްސަށާއި އެހެން ބަޔަކަށް ކޮއްދެވޭނެ ހެޔޮކަމެކެވެ.





