އައްޑޫ ސިޓީގައި ސިމްޑީ ގްރޫޕުން ހިންގަމުން އަންނަ ހޮސްޕިޓަލް އައިއެމްޑީސީގައި ސިޒޭރިއަން ހެދުމުގެ ތެރެއިން، ޒުވާން އަންހެނެއް މިއަދު ފަތިހުގެ ވަގުތެއްގައި މަރުވެއްޖެއެވެ.
އިއްޔެ ހެދި ސިޒޭރިއަނަށް ފަހު މިއަދު ފަތިހުގެ ވަގުތެއްގައި މަރުވީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމު އަދާކުރަމުން އައި ހިތަދޫ، ތަމަންނާގޭ އާއިޝަތު ނަޒާހަތު އަހްމަދުދީދީ، 28، އެވެ.
މި ހިތާމަވެރި ޚަބަރާ ގުޅިގެން އައްޑޫ މޭޔަރު އަލީ ނިޒާރާއި ބައެެއް ކައުންސިލަރުން ވެސް ވަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރައްވައި ނަޒާހަތުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
އައިއެމްޑީސީން ބުނީ ނަޒާހަތު ސިޒޭރިއަނަށް ފަހު ވެސް ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް މިއަދު ފަތިހު އޭނަގެ ހާލަތު ކުއްލިއަކަށް ގޯސްވެ ފިޓް ޖެހުނު ކަމަށް އެތަނުން ބުންޏެވެ. އެއާ އެކު ނަޒާހަތަށް ބޭނުންވާ ފަރުވާ ދެމުން ދިޔަ ކަމަށާއި ނަމަވެސް އޭނަގެ ޙާލަތު އިތުރަށް ގޯސްވާން ފެށުމުން އިމަޖެންސީކޮށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ނަޒާހަތު ގެންދިޔަ އެވެ.
ނަމަވެސް އޭއީއެޗްއަށް އޭނަ ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.
ނަޒާހަތުގެ ހާލު ގޯސްވެ މަރުވި އިރު، އޭނަގެ އަލަތު ދަރިފުޅަށް ވެސް މިހާރު އަންނަނީ އޭއީއެޗްގައި ފަރުވާ ދެމުންނެވެ. އަދި ކުއްޖާގެ ހާލު ވެސް ސީރިއަސް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.





