ޓިކްޓޮކްގެ ޒަރީއާއިން ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އަލީ އަމްޖަދު (އަމްޖު) މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ށ. ފޯކައިދުއަށް އުފަން، އުމުރުން 42 އަހަރުގެ އަމްޖަދު ނިޔާވެފައިވާކަން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭނާ ނިޔާވި ސީދާ ސަބަބެއް ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެއެވެ.
މިއަދު މެންދުރު 1:10 އެހާކަންހާއިރު އަމްޖަދު ވެއްޓިފައި އޮއްވައި ފެނުނީ ތިލަފުށީގެ ބަނދަރުގައި މުދާ ބަރުކޮށްފައި އޮތް ”ސެކިޔޯ“ ދޯނީގެ ވީލްހައުސް ތެރެއިންނެވެ. އަމްޖަދަކީ އެ ދޯނީގެ ކައްޕިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މީހެކެވެ.
އަމްޖަދުއާއެކު މަސައްކަތްކުރާ މީހަކު ބުނީ، މުދާ ބަރުކޮށްގެން ދޯނީގައި މާލެއަށް ފުރަންވެގެން އަމްޖަދު ދޯންޏަށް އެރި ކަމަށެވެ. ނަމަވެސް ދޯންޏަށް އެރި ގޮތަށް އޭނާގެ އެއްވެސް ޚަބަރެއް ނުވެގެން، ޖެހިގެން އޮތް ދޯނީގެ ކައްޕި އެ ދޯންޏަށް އަރައި ބެލިއިރު އަމްޖަދު އޮތީ ވެއްޓިފައެވެ.
”އަމްޖަދު ދޯނީގައި ބާއްވައިގެން ވަގުތުން ސީޕީއާރު ވެސް ދިން. އެކަމަކު ހޭނޭރުމުން ވަގުތުން އައިޖީއެމްއެޗަށް ގެނައީ. އޭރުވެސް މާ ބޮޑު އުންމީދެއް ނެތް،“ އަމްޖަދުގެ ގާތް އެކުވެރިޔާ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތިލަފުށިން އަމްޖަދު އައިޖީއެމްއެޗަށް ގެނައިރުވެސް އޮތީ ނިޔާވެފައެވެ.
އަމްޖަދަކީ ރާއްޖެއަށް ޓިކްޓޮކް ތައާރަފުވި ދުވަސްވަރުން ފެށިގެން އެ ޕްލެޓްފޯމްގައި އެންމެ ހިނގާ އަދި އެންމެ މަޝްހޫރު އެއް މޫނެވެ. އޭނާއަކީ ޓިކްޓޮކްގައި ވަރަށް އެކްޓިވްކޮށް އުޅުނު، އަދި ލައިވްތަކުގައި ބައިވެރިވެ ވަރަށް މަޖާ މިޒާޖެއްގައި އުޅުނު މީހެކެވެ.
އަމްޖަދު ނިޔާވިއިރު އޭނާ ކައިވެނިކޮށްގެން އުޅެނީ ޓިކްޓޮކުން ގިނަ ބަޔަކު ދަންނަ ހަބީބާއާއެވެ. އަދި އޭނާގެ ކުރީގެ ކައިވެންޏަށް ދަރިއަކުވެސް ހުރެއެވެ. އަމްޖަދުގެ ކުއްލި ވަކިވުމާއެކު ޓިކްޓޮކްގައި އޭނާ ފޮލޯކުރާ ގިނަ ބަޔަކަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.





