ރާއްޖެ އާއި އިންޑިއާއާ ދެމެދު ފަސޭހަ އަދި ރައްކާތެރި ކަމާއެކު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް، ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދަށެވެ. އެމްއެމްއޭއިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ވަރަށް ބޮޑު މަގުފަހިވާނެ އެވެ.
މި މަސައްކަތަކީ އެމްއެމްއޭއިން ކުރިއަށް އޮތް ތިން އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، ބައިނަލްއަޤުވާމީ ނެޓްވޯކްތަކާ ގުޅައިލުމަށް ކުރާ މުހިންމު މަސައްކަތެކެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބައިނަލްއަޤުވާމީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިކޮށް، މާލީ ބައިވެރިވުން އިތުރު ކުރުމެވެ. މީގެ އިތުރުން، ހަމަހަމަ ގޮތެއްގައި މާލީ ޚިދުމަތްތައް ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުމަކީވެސް މި މަސައްކަތުގެ މުހިންމު މަޤްޞަދެކެވެ. އެމްއެމްއޭއިން ވަނީ މިކަމުގެ ސަބަބުން އިޤްތިސާދީ ބައިވެރިވުން އިތުރުވެ ކުރިއަރާނެކަމަށް ބުނެފަ އެވެ.
ޔޫޕީއައި އަކީ އިންޑިއާގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންކުރާ އެ ގައުމުގެ ރަސްމީ ޑިޖިޓަލް ޕޭމަންޓް ސިސްޓަމެކެވެ. މި ދެ ނިޒާމް ގުޅާލެވުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންނަށާއި، ދެގައުމުގެ ދެމެދުގައި ވިޔަފާރިކުރާ ފަރާތްތަކަށް މާލީ މުއާމަލާތްތައް ކުރުން އިތުރަށް ފަސޭހަވެގެންދާނެ އެވެ.





