ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.
މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ނިންމަވާފައިވަނީ މި ޖަލްސާ އެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވުމަށެވެ. މިއީ މިއަހަރަށް މަޖިލިސް ހުޅުވުމަށް ބާއްވާ ޚާއްޞަ ޖަލްސާއެވެ.
މި ޖަލްސާގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވެވުމެވެ. މިއީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިއްވަވާ ތިންވަނަ ރިޔާސީ ބަޔާނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އިއްވަވަން ޖެހެއެވެ.
މަޖިލީހުގެ ޤަވާއިދު ބުނާގޮތުން، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމުން، އެމަނިކުފާނު ނިސްބަތްވާ ޕާޓީ ފިޔަވައި މަޖިލީހުގައި ދެން އެންމެ ގިނަ މެންބަރުން ތިއްބަވާ ސިޔާސީ ޕާޓީއަކުން އެ ބަޔާނަށް ޖަވާބު ތައްޔާރުކުރަން ޖެހެއެވެ. މި ޖަވާބު ތައްޔާރުކުރަންވާނީ މަޖިލީހުގެ މެންބަރުންގެ ޚިޔާލާއި ފިކުރު ހޯދުމަށްފަހުގައެވެ. އަދި ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަންވާނެ ކަމަށްވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ދައުރުގެ ރަސްމީ ޖަލްސާތައް އަންނަ މަހުގެ 5 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މިއަހަރު ފެށުނު ފަހުން މަޖިލީހުގެ ދައުރުން ބޭރުން މިހާތަނަށް ދެ ޖަލްސާއެއް ވަނީ ބާއްވާފައެވެ.





