މާލީ މުއާމަލާތްތަކުގައި ދެފުށް ފެންނަ ގޮތަކަށް ކަންކަން ނުބެލެހެއްޓުމާއި، މިއުޒިކީ ދާއިރާގައި ހޭދަކުރި ދިގު މުއްދަތުގެ ތަޖުރިބާއަށް ގަދަރުނުކުރާ ކަމަށް ބުނެ، މަޝްހޫރު ބޭންޑް ”ޓޫއޮފްއަސް“ގެ ގިޓަރިސްޓު އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެ ބޭންޑުން ވަކިވެއްޖެއެވެ.
ޝަހީދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ވަރަށް ބޮޑަށް ވިސްނުމަށްފަހު އޭނާ ނިންމި އުނދަގޫ ނިންމުމެއް ކަމަށެވެ. ނަމަވެސް މިއުޒިކް ކޮމިއުނިޓީގައި ހުރި މައްސަލަތައް ސަޕޯޓަރުންނާއި ފޭނުންނަށް އެނގެން ޖެހޭ ކަމަށް ގަބޫލުކުރާތީ، ބޭންޑުން ވަކިވާން ނިންމީ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށް އޭނާ ބުންޏެވެ.
ޝަހީދު ފާހަގަކުރި ގޮތުގައި ބޭންޑުން ވަކިވާން ނިންމި އެންމެ ބޮޑު ސަބަބަކީ މާލީ ކަންކަން ދެފުށް ފެންނަ ގޮތަކަށް ބަލަހައްޓާފައި ނެތުމެވެ. އަދި އެއްބަސްވެފައިވާ ގޮތަށް އުޖޫރަ ނުލިބޭ މައްސަލަ ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އުންމީދާއެކު ފެށި މި ދަތުރު ހިތްދަތި ތަޖުރިބާއަކަށް ބަދަލުވީ، ކަންކަން އިސްލާހުނުވެ އަޅާނުލާ ދޫކޮށްނުލެވޭ ހިސާބަށް ދިޔުމުން ކަމަށް ޝަހީދު ބުންޏެވެ.
ބޭންޑުގެ މިހާރުގެ މިސްރާބާ މެދު ކަންބޮޑުވުން ފާޅުކުރަމުން ޝަހީދު ބުނީ، ބޭންޑުގެ މަސައްކަތްތައް މިހާރު ހުރީ އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ބަދަލުގައި އެކަކުގެ ބާރު ހިނގާ ”ވަން މޭން ޝޯ“ އެއްގެ ގޮތުގައި ކަމަށެވެ. މީގެ އިތުރުން، އޭނާ މިއުޒިކީ ދާއިރާގައި ހޭދަކުރި 25 އަހަރުގެ ތަޖުރިބާއާ ހުނަރަށް އެއްވެސް ގަދަރެއް ނުކުރާ ކަމުގެ ޝަކުވާއާއެކު، ޝަހީދު ބުނީ ބޭންޑުގައި އިތުރަށް މަޑުކޮށްފިނަމަ ފަންނީގޮތުންނާއި ޕްރޮފެޝަނަލް ގޮތުން ކުރިއަށްދާނެ އެއްވެސް ފުރުސަތެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. އަދި ބޭންޑުގެ މިސްރާބު ހުރި ގޮތުން އޭނާގެ އަމިއްލަ މިއުޒިކް ސްޓައިލާ ދުރަށް ދާންޖެހުމާއި، އާ އުފެއްދުންތަކެއް ނެތުމަކީ ވެސް ވަކިވާން ޖެހުނު ސަބަބެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ބޭންޑުން ވަކިވި ނަމަވެސް، ޓޫއޮފްއަސް އާއެކު އިންޑިއާގެ ”ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް“ ގައި ބައިވެރިވުމަށް ފުރުސަތު ލިބުނީތީ އެކަމަށް ޝަހީދު ޝުކުރު އަދާކުރިއެވެ.
ޝަހީދު ބޭންޑުން ވަކިވިއިރު، މިދިޔަ އަހަރު އެ ބޭންޑުގެ ވޯކަލިސްޓު މުހައްމަދު ނަސޫހު ބިން ނަސުރުއްދީން ވެސް ވަނީ ބޭންޑުން ވަކިވެފައެވެ. ނަމަވެސް ނަސޫހު ވަކިވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
”ޓޫއޮފްއަސް“ ބޭންޑަކީ އިންޑިއާގައި ބޭއްވި ”ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް“ މުބާރާތުން ދެވަނަ ރަނަރަޕްކަން ހޯދައި، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެއަށް ބޮޑު ޝަރަފެއް ހޯދައިދީފައިވާ ބޭންޑެކެވެ. އެ ކާމިޔާބީ ހޯދިއިރު ބޭންޑުގައި ޖުމުލަ ފަސް މެންބަރުން ހިމެނެއެވެ. އެއީ ރާއްޖޭގެ ލައިވް މިއުޒިކްގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ.





